ވިލްޝެއާ ފުޓުބޯޅަ ދަނޑުން ފައިބަނީ، ދެނީ ކޯޗެއްގެ ގޮތުގައި އެނބުރި އަންނާނެ ކަމުގެ ޔަގީންކަން

ޖެކް ވިލްޝެއާ ގޯލުޖެހުމަށްފަހު އުފާ ފާލުކުރަނީ ---

އާސެނަލްގެ އަދި އިނގިރޭސި ޤައުމީ ޓީމުގެ ލެންޖެންޑްރީ ކުޅުންތެރިއާ ޖެކް ވިލްޝެއާ އުމުރުން 30 އަހަރުގައި ޕްރޮފެޝަނަލް ފުޓުބޯޅައިން ރިޓަޔާވާން ނިންމައިފިއެވެ.

ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުން ހުއްޓާލާކަން އިއުލާންކުރުމަށް ވިލްޝެއާ އިންސްޓަގްރާމްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކި ގޮތްގޮތުން އޭނާއަށް އެހީތެރިވެދީ ސަޕޯޓު ކޮށްދިން އެންމެންނަށް ޝުކުރުވެރިވާކަމަށެވެ.

ވިލްޝެއާ ބުނީ ފުޓުބޯޅައިގެ އޭނާގެ ދަތުރަކީ ތަފާތު އެކިކަންކަމާ ކުރިމަތިކުރުވި ދަތުރެއްކަމަށެވެ. އުފާކުރުވާ އެތައް ކަމަކާއި ހިތާމަ ކުރަންޖެހުނު އެތައް ކަމެއް ކުރިމަތިވިކަމަށް އޭނާ ބުންޏެވެ.

މަގުމަތީގައި ދެކޮޅަށް ބޯޅަ ތަޅަން ހުރި ކުޑަ ކުއްޖެއްގެ ދަތުރު އާސެނެލްގެ އެމިރޭޓްސް ސްޓޭޑިއަމާ ހަމައަށް ގޮސް ޤައުމީ ޓީމަށް ދެވުނު ކަމަށް ވިލްޝެއާ ބުންޏެވެ.

އޭނާ ބުނީ އޭނާގެ އެ ދަތުރުގައި ދިމާވި ބައެއް ކަންކަމުގެ ސަބަބުން ދަތުރު އިތުރަށް ކުރިއަށް ގެންދަން ދަތިވި ކަމަށެވެ.

"އަހަރެން މި އިއުލާން ކުރަނީ ޕްރޮފެޝަނަލް ފުޓުބޯޅަައިން ރިޓަޔާ ވާކަން،" ވިލްޝެއާ ބުންޏެވެ.

ޖެކް ވިލްޝެއާ އެފްއޭ ކަޕްގެ ތަށި އުފުލާލަނީ ---

އޭނާ ބުނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި އޭނާ ބޭނުންވި ހުރިހާ ކަމެއް ހާސިލްވެއްްޖެކަމަށެވެ. އެންމެ މަތީ ލެވެލްގައި ކުޅެ ޤައުމީ ޓީމާއި އާސެނަލްގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެލަން ލިބުނީތީ ފަހުރުވެރިވާކަމަށެވެ.

ވިލްޝެއާ ބުނީ ފުޓުބޯޅައާ ދުރަށް ދިއުމަށް އުނދަގޫވާނެކަމަށެވެ.

މީގެ ކުރުން އޭނާ ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ކޯޗިން ކޯހެއް ފުރިހަމަ ކުރާކަމަށެވެ. ކޮންމެ ވެސް ދުވަހަކުން ކޯޗެއްގެ ގޮތުގައި ފެންނާނެކަމަށް އޭނާ ބުންޏެވެ.

އާސެނަލްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ވިލްޝެއާ އެ ޓީމު ދޫކޮށްލަން މަޖުބޫރުވީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެއް ކުޅުމާ ދުރުގައި ހުރުމަށްފަހު ކުރީގެ ކުޅުން އޭނާއަށް ނުދެއްކުމުންނެވެ.

އޭނާގެ ފުޓުބޯޅައިގެ ރަން ޒަމާނުގައި އިނގެރޭސި ޤައުމީ ޓީމަށާއި އާސެނަލަށް ވިލްޝެއާއަކީ މުހިންމު ކުޅުންތެރިއެކެވެ.

ދެހާސް އެއްވަނަ އަހަރު އާސެނަލާ ގުޅުނު ވިލްޝެއާ 2018 ވަނަ އަހަރާހަމައަށް އެ ޓީމުގައި މަޑުކުރިއެވެ. އެ މުއްދަތުގައި އެ ޓީމަށް 125 މެޗު ކުޅެދީ ހަތް ގޯލު އޭނާ ވަނީ ޖަހައިދީފައެވެ.

ނަމަވެސް އަނިޔާގެ ސަަބަބުން އެ ޓީމު ދޫކޮށްލައި ވެސްޓްހަމްއަށް އެ އަހަރު އޭނާ ބަދަލުވިއެވެ. އެ ޓީމުގައި ވެސް އެންމެ އެދެވޭ ކުޅުމެއް ނުދެއްކި 16 މެޗު ކުޅުމަށްފަހު މިދިޔަ އަހަރު އޭނާ ވަނީ ބޯންމައުތަށް ބަދަލުވެފައެވެ.

އެ ޓީމަށް 14 މެޗު ކުޅެދީފައި މިއަހަރު ޑެންމާކުގެ އޭޖީއެފްއަށް ބަދަލުވެ ފަސް މަސްދުވަހު އެ ޓީމުގައި ހޭދަކުރުމަށްފަހު އަހަރުގެ މިހާ ހިސާބަށް އޭނާ ހުރީ އެއްވެސް ޓީމެއް ނެތިއެވެ.

comment ކޮމެންޓް