މުސްލިމުން އެކަތިގަނޑަކަށް ވުމަށާއި ބައިބައި ނުވުމަށް ޙައްޖު ޚުތުބާގައި ގޮވާލައިފި

މިދިޔަ އަހަރުގެ ހައްޖު ޚުތުބާ ދިން އިރުގެ ފޮޓޯއެއް

އަރަފާތުގެ ބިން (8 ޖުލައި 2022): މުސްލިމުން އެކަތި ގަނޑަކަށްވެ މާތްﷲގެ "ވާފަށުގައި" ހިފަހައްޓައިގެން ތިބުމަށް މަސްޖިދުއްނަމިރާގައި މިއަދު ދެއްވި ޙައްޖު ޚުތުބާގައި ސައޫދީ ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަދި ސައޫދީގެ އިސްލާމީ ޖަމްއިއްޔާއެއް ކަމަށްވާ ރާބިތަތުލްއާލަމުން އިސްލާމީގެ އަމީން އާންމު ޑރ. މުޙައްމަދުލްޢީސާ ގޮވާލައްވައިފިއެވެ.

އަރަފާތުގެ ބިމުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުން ގެންދާ މިލިއަނެއްހާ ޙައްޖުވެރިންނާ މުޚާތަބު ކުރައްވައި މިއަދު ދެއްވި ޙައްޖު ޚުތުބާގައި މުޙައްމަދުލްޢީސާ ވިދާޅުވީ، މުސްލިމުންނަކީ އެއްބައިވެ އެކަތިގަނޑަކަށް ވެގެން އުޅެން ޖެހޭ ބައެއް ކަމަށެވެ. ވަކިވެ ބައިބައިވެގެން އުޅެންޖެހޭ ބައެއް ނޫން ކަމަށެވެ.

މަސްޖިދުއްނަމިރާ

މިގޮތުން މުސްލިމުން އުޅެންޖެހޭނީ މާތްﷲގެ "ވާފަށުގައި" ހިފަހައްޓައިގެން އެކަތި ގަނޑަކަށްވެގެންކަން ބަޔާންކުރެއްވިއެވެ. މިކަމާބެހޭ ގޮތުން ވާހަކަދައްކަމުން މުސްލިމުން އެއްބައިވަންތަވުމާ ބެހޭ ދަލީލުތައް ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން އޭނާ ދެއްކެވިއެވެ.

މުސްލިމުންނަކީ އެކި ގައުމުތަކަށް ނިސްބަތްވާ، ތަފާތު ބަސްތަކާއި ތަފާތު ސަގާފަތްތަކުގެ ބައެއް ނަމަވެސް މުސްލިމުންގެ އަގީދާއާއި ޝަރީއަތަކީ އެކައްޗެއްކަން މުޙައްމަދުލްޢީސާ ބަޔާންކޮށް ދެއްވިއެވެ. މިއަދުގެ ޙައްޖު ޚުތުބާގައި މުޙައްމަދުލްޢީސާވަނީ ތަގްވާވެރިވުމަށާއި މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމަށާއި ހެޔޮއަމަލުތައް ގިނަކުރުމަށްވެސް މުސްލިމުންނަށް ވަސިއްޔަތް ކުރައްވާފައެވެ.

ޙައްޖުވެރިން އަރަފާތުގައި ދުއާކުރަނީ މީގެ އިތުރުން ޙައްޖުގެ އަޅުކަމުގެ މާތްކަމުގެ މައްޗަށްވެސް މިއަދު ޙައްޖު ޚުތުބާގައި އަލިއަޅުވާލެއްވިއެވެ. މިއަދުގެ ޙައްޖު ޚުތުބާ ނިންމަވާލެއްވީ، އިސްލާމް ދީނަށާއި މުސްލިމުންނަށް ކުރިމަތިވެފައިވާ ބައިބައިވުންތަކުން ސަލާމަތްވުމަށްޓަކައި އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމަށް ގޮވާލައްވަމުންނެވެ.

ޙައްޖު ޚުތުބާ ދެނީ އަރަފާތު ބިމުގައި ހުންނަ މަސްޖިދުއްނަމިރާ އިންނެވެ. މަސްޖިދުއްނަމިރާއަކީ އައްބާސީ ޚިލާފަތުގެ ފުރަތަ ދުވަސްވަރު ބިނާކުރި މިސްކިތެކެވެ. އެއަށްފަހު އިސްލާމީ އެކި ޚިލާފަތްތަކުގައި އެމިސްކިތްވަނީ އަޕްގްރޭޑްކޮށް ބޮޑުކޮށްފައެވެ. މިހާރު އެމިސްކިތް ހުރިގޮތަށް އެމިސްކިތް ބޮޑުކޮށް އަޕްގްރޭޑް ކޮށްފައިވަނީ ސައޫދީ އަރަބިޔާގައި މިހާރު ވެރިކަންކުރާ ރަސްކަމުގެ ނިޒާމުންނެވެ.

މަސްޖިދުއްނަމިރާ ބިނާކޮށްފައިވަނީ ޙައްޖަތުލްވަދާއުގައި ކީރިތި ރަސޫލާ (މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ) ތާރީޚީ ޚުތުބާ ދެއްވި ސަރަހައްދުގައެވެ. މި ޚުތުބާ ދެނީ އެކަލޭގެފާނުގެ ސުންނަތަށް އިޤްތިދާ ވުމުގެ ގޮތުންނެވެ. މުސްލިމުން ޙައްޖުގެ އަޅުކަން ކުރަމުންގެންދަނީ ޙައްޖަތުލްވަދާޢުގައި އެއްލައްކަ މުސްލިމުންނާއެކު އެކަލޭގެފާނު ޙައްޖުކުރެއްވި ގޮތަށެވެ.

ޙައްޖުވެރިން އަރަފާތުގެ ބިމުގައި (ޖަބަލް އަރަފާތުގައާއި އެތަނުގެ ތިރީގައި)

އަރަފާތު ދުވަހުގެ ޚުތުބާ (ޙައްޖު ޚުތުބާ) އަށްފަހު އަރަފާތުގައި ޙައްޖުވެރިން މެންދުރު ނަމާދާއި އަސްރު ނަމާދުކުރާނީ ގަސްރުކޮށް ޖަމްއު (ޖަމްއު ތަގްދީމް) ކޮށެވެ. އެއީ ކީރިތި ރަސޫލާވެސް ޙައްޖަތުލްވަދާއުގައި އަރަފާތު ދުވަހު މެންދުރު ނަމާދާއި އަސްރު ނަމާދު ކުރެއްވި ގޮތެވެ.

އަރަފާތު ދުވަހުގެ ޚުތުބާ އަރަބި ބަހުން ދިން ނަމަވެސް ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ 10 ބަހުން މިހާރު އެ ޚުތުބާ ތަރުޖަމާކުރެއެވެ. ޙައްޖުވެރިން މިއަދު ހޭދަކުރާނީ އަރަފާތު ބިމުގައެވެ. އެއީ ޙައްޖުގެ އެންމެ ބޮޑު ރުކުނެވެ. އެރުކުން ފުރިހަމަ ނުކޮށް ޙައްޖުގެ އަޅުކަން ފުރިހަމައެއް ނުކުރެވޭނެއެވެ.

އަރަފާތު ބިމުގައި ޙައްޖުވެރިން މުޅި ދުވަސް ހޭދަކުރާނީ މާތް ﷲ އަށް އަޅުކަންކުރުމާއި ޒިކުރު ކުރުމާއި ދުޢާކޮށް އަސްތަޣްފާރު ކުރުމުގައެވެ. ޙައްޖުވެރިން އަރަފާތު ދުވަހު އެއްކޮށް އަރަފާތު ބިމުގައި ތިބުމަށްފަހު އެދުވަހުގެ އިރުއޮއްސޭން ފެށުމުން (އީދުވިލޭރޭ) ދެން ދާނީ މުޒްދަލިފާއަށެވެ. މުޒްދަލިފާގައި އެރޭ މަޑުކުރުމަށްފަހު އެރޭ ފަތިހު ޙައްޖުވެރިން މުޒްދަލިފާއިން ދާނީ އަނެއްކާވެސް މިނާއަށެވެ. މިނާއަށް ގިނަ މީހުން ދާނީ ހިނގާފައެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި މިލިއަނެއްހާ މީހުން ބައިވެރިވާއިރު އޭގެ ތެރެއިން އަށް ލައްކަ ފަންސާސް ހާސް މީހުންނަކީ ސައޫދީ ފިޔަވައި އެހެން ގައުމުތަކުގެ މުސްލިމުންނެވެ. ސައޫދީ ރައްޔިތުންނާއި ސައޫދީގައި އުޅޭ އެހެން ގައުމުތަކުގެ މުސްލިމުންގެ ތެރެއިން ބައިވެރިވެފައިވަނީ ދޮޅުލައްކައެއްހާ މީހުންނެވެ.

comment ކޮމެންޓް