ހެނބަދޫން ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި

ގެއްލިގެން ހޯދާ، ހެނބަދޫ ކުންނާރުގެ، އިބްރާހީމް ރާމިޒް ---

ނ. ހެނބަދޫން ޒުވާން ފިރިހެނަކު ގެއްލިގެން ރަށުގެ ކައުންސިލާއި ރައްޔިތުން ނުކުމެ، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ހެނބަދޫ ކުންނާރުގެ، އިބްރާހީމް ރާމިޒް، 27،އެވެ.

ހެނބަދޫ ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު "ސަން"އަށް ވިދާޅުވީ އިއްޔެއިން ފަށައިގެން ރާމިޒް ގެއްލިގެން އުޅޭކަމުގެ ޚަބަރު ކައުންސިލަށް އޭނާގެ ބައްޕަ ރިޕޯޓު ކުރީ މިރޭ 7:00ހާއިރު ކަމަށެވެ.

"ތަންކޮޅެއް ކުރީ ދުވަހަކު ޑިންގީއެއްގައި އޭނާ މިތާ ކައިރީގައި އޮތް ކެނދިކުޅުދޫއަށް ދިޔަ. ނަމަވެސް ހަމަ އެދުވަހު އެނބުރި ރަށަށް އައިސް ރަށުގައި ހުރީ. އެންމެ ފަހުން ލިބުނު ޚަބަރަކީ އިއްޔެ ހަތެއް ޖަހާކަށްހާއިރު ފިހާރައަކަށް ވަދެ ސިނގިރޭޓް ފޮއްޓެއް ގަތް ކަމަށް އެ ފިހާރައިގެ ވެރިފަރާތުން އެބަބުނޭ. އޭގެ ފަހުން ދެން ޚަބަރެއް ނުވޭ،" އަބޫބަކުރު ވިދާޅުވިއެވެ.

އަބޫބަކުރު ވިދާޅުވީ ރާމިޒް ހޯދުމުގެ މަސައްކަތް ކުރުމުގެ ތެރެއިން އެރަށުގެ ގޮނޑުދޮށުގައި އޮތް ކެނޯއެއް ބާލާފައިވާކަން މިއަދު ހަވީރު ފާހަގަ ވެފައިވާ ކަމަށެވެ. ނަމަވެސް އޭނާއާ ބެހޭ އެއްވެސް ޚަބަރެއް މިހާތަނަށް އަދި ލިބިފައިނުވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މީގެ ކުރީން ރާމިޒް މަސައްކަތްކުރީ ރަށުން ބޭރުގައިކަން ފާހަގަ ކުރައްވައި ކައުންސިލްގެ ރައީސް ވިދާޅުވީ އެ ވަޒީފާ ދޫކޮށްފައި ރަށަށް އައިސްގެން އުޅެނީ ފުލުހުން ބަލަމުން އަންނަ މައްސަލައެއްގައި ކަމަށް އޭނާގެ ބައްޕަ ބުނި ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރާމިޒަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ. ހެނބަދޫން މި ނޫހާ ވާހަކަ ދެއްކި މީހަކު ވެސް ބުނީ ރާމިޒަކީ ޑްރަގް ބެނުންކުރާ މީހެއްކަން ރަށުގެ ގިނަ ބަޔަކަށް އެނގޭ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް