ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ހެނބަދޫ ދެމީހަކު ހައްޔަރުކޮށްފި

ނ.ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލާގައި ހައްޔަރުކުރި ދެމީހުން --

މަސްތުވާތަކެއްޗާ ދެކޮޅަށް ނ. އަތޮޅުގައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށް, އެއަތޮޅު ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ދެމީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ސައިކަލުގައި ރޯކޮށްލާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ރެއެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އަދި މިއަދު އެމީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ. މި ދެމީހުންނަކީ ވެސް ހެނބަދޫއަށް ނިސްބަތްވާ ދެމީހުންނެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ، އިތުރު ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައެވެ. ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށް ބުނެ މީހުން އިންޒާރު ވެސް ދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ތުހުމަތު ކުރެވޭ ގޮތުގައި މިކަމަކީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އޭނާ ވަނީ އެފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް އެކަން ހަނދާންކޮށް ދެއްވައިފައެވެ.

comment ކޮމެންޓް