ކްރިމިނަލް ކޯޓުގެ ގާޒީ ދީބަނާޒް ހައިކޯޓަށް

ކްރިމިނަލް ކޯޓުގެ ގާޒީ ދީބަނާޒް: އޭނާ ހައިކޯޓަށް އައްޔަނު ކުރުމަށް ވަނީ ނިންމާފައި ----

ކްރިމިނަލް ކޯޓުގެ ގާޒީ ދީބަނާޒް ފަހުމީ ހައިކޯޓަށް އައްޔަނު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން އެގޮތަށް ނިންމީ ހައިކޯޓުގެ ހުސްވެފައިިވާ ދެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލި ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހުއެވެ.

އެގޮތުން ޖޭއެސްސީގެ "ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަވިއު ކުރުމަށްފަހު އެ މަގާމަށް ދީބަނާޒްގެ އިތުރުން ފ.ބިލެތްދޫ، މޯނިންގްވިލާ، މުޙައްމަދު ސަލީމް ހަމަޖެއްސުމަށް ވަނީ ލަފާ ދީފައެވެ.

ކްރިމިނަލް ކޯޓުގެ ފުރަތަމަ އަންހެން ގާޒީގެ މަގާމު އަދާކުރެއްވި ދީބަނާޒް ފަހުމީ ވަނީ މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ޤާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލްކުރައްވާފައެވެ. އަދި މާސްޓާ އޮފް ލޯ، ނިއުޒިލެންޑްގެ ޔުނިވާސިޓީ އޮފް ކެންޓަބަރީއިން ފުރިހަމަ ކުރެއްވިއެވެ. ދީބަނާޒް އަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ، 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

ހައިކޯޓަށް ދެން އައްޔަނުކުރުން ނިންމި މުޙައްމަދު ސަލީމް ވަނީ ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ބެޗްލާސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. އަދި ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ހޭދަކުރެއްވިއެވެ.

ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އިއުލާނު ކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި ޢަބްދުﷲ ހަމީދު, ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ދީބަނާޒް އާއި ސަލީމްގެ އިތުރުން ސިވިލް ކޯޓުގެ ދެ ގާޒީން ކަމަށްވާ ޢާއިޝަތު ޢަޒުފާ ޢަބްދުލްޣަފޫރާއި ޙާފިޒާ ޢަބްދުއްސައްތާރާއި ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުޙައްމަދު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވެސް ކުރިމަތިލެއްވިއެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ 36،000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ރިސްކް އެލަވަންސްގެ ގޮތުގައި 3300 ރުފިޔާ ލިބޭނެއެވެ. އަދި މެޑިކަލް އެލަވަންސްއާއި ފޯނު އެލަވަންސްވެސް ލިބިވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް