އަނބިމީހާގެ ކޮއްކޮއާ، ބެހުނު ފިރިހެނެއްގެ މައްޗަށް އިއްވާފައިވާ 18 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.
މިއީ، މީގެ 13 އަހަރު ކުރިން، 2013 ވަނަ އަހަރު، ދިވެހި ފިރިހެނަކު އޭނާގެ އަންހެނުންގެ އެންމެ އަށް އަހަރުގެ ކޮއްކޮއާ ބެހުނު މައްސަލައެކެވެ.
މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް ވަނީ ކުޑަކުއްޖަކު އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އުފުލައިފައެވެ. އަދި މިދިޔަ އަހަރު ހުކުމް ކުރީ އެ މައްސަލަ ސާބިތުވާ ކަމަށެވެ. އެއާއެކު އެ މީހާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.
މި މައްސަލަ، ހައިކޯޓުގައި އިސްތިއުނާފު ކުރީ އެ މީހާގެ ފަރާތުންނެވެ. އަދި އެ މައްސަލައިގައި ހައިކޯޓުން މިއަދު ހުކުމް އިއްވީ، ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށެވެ.
މި މައްސަލައިގެ އިސްތިއުނާފުގައި ދައުވާ ކުރާ ފަރާތުން ވަނީ މި ކޭސްގައި ހިމެނޭ، ކުއްޖާއަށް އޭނާގެ އާއިލާގެ ފަރާތުން ނުފޫޒު ފޯރުވައިގެން ކުއްޖާ ލައްވާ ހަދައިގެން ދައްކާފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފެއްދި މައްސަލައެއް ކަމަށް ބުނެފައެވެ. މި ދިފާއަކީ، ދަށު ކޯޓުގައި ވެސް އިސްތިއުނާފުކުރާ ފަރާތުން އުފައްދާފައިވާ ބަހުސެއްކަން ފާހަގަކޮށް ފަނޑިޔާރު ވިދާޅުވީ، ކުއްޖާ ހަދައިގެން ދައްކާ ވާހަކައެއްކަމަށް ބުނާނަމަ، އެކަން ސާބިތުކޮށްދިނުމުގެ ގޮތުން މައްސަލަ ހުށަހެޅި ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.