ރާއްޖޭގެ ކަނދުފަތިތަކުގައި ކަނޑުމަސް އަވަލާފައި ހުންނަނީ ކިހާ ދުވަހަކު؟

އެކޯސްޓިކުޓެގު ލެއްވުމަށްފަހު ކަފާލިތަން ފަހަނީ

ކަނޑުމަހުގެ ބާވަތްތަކަކީ މަހުގެ ވިޔަފާރިއަށާއި ކާނާގެ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެންމެ މުހިންމު ބާވަތްތަކެވެ. މީގެ އިތުރުން ކަނޑުތަކުގެ ކާނާގެ ވިއުގައަށް ބަލާއިރު މިބާވަތުގެ މަސް ހިމެނެނީ އެންމެ މަތީ ފަންތީގައި ކަމަށްވުމުން މުޅި ކަނޑުގެ މާހައުލީ ނިޒާމުގެ ސިއްހަތު ފުރިހަމައަށް ދެމެހެއްޓުމުގައި ވެސް މިބާވަތުގެ މަސް ވަރަށް މުހިންމު ރޯލެއް އަދާކުރެއެވެ. ކަނޑުމަހުގެ ބާވަތްތަކަކީ ދުނިޔޭގައި އެންމެ ގިނައިން ހިފާ މަހުގެ ބާވަތްތަކެވެ. މީގެ އިތުރުން މިބާވަތުގެ މަސް ދިރާސާކުރުމަށް ގައުމުތަކުން އަދި މަސްވެރިކަން ކުރާ ފަރާތްތަކުން އަހަރަކު އެތައް މިލިއަން ޑޮލަރު ހޭދަކުރެއެވެ. ދިރާސާކުރާ ފަރާތްތަކުން މަހުގެ ބައޮލޮޖީ، ދިރިއުޅުން ބައްޓަންވެފައިވާ ގޮތް، ކަނޑުގައި ކާނާ ހޯދުމަށް އުޅޭގޮތް އަދި ހިޖުރަކުރުމާ ބެހޭގޮތުން މައުލޫމާތު އެއްކުރެއެވެ.

ކަނޑުމަހުގެ ދިރާސާތައް ކުރުމަށް ސައިންސްވެރިން އެކިކަހަލަ އުކުޅުތައް ބޭނުންކުރެއެވެ. ބައެއްފަހަރު މަހުގެދިގުމިން، ބަރުދަން އަދި މަސް ބަނޑުފަޅައިގެން ކައިފާހުންނަތަކެތި ބެލުން ހިމެނެއެވެ. އަނެއްބައިފަހަރު މަހުގައި އެއްޗެއް ހަރުކޮށްގެން މަސް ދަތުރުކުރާގޮތް ބަލަން މަސައްކަތްކުރެއެވެ. މަސް އުޅޭ ގޮތް ބެލުމަށް އެކިބާވަތުގެ އާލާތް – ފާހަގަ (ޓެގު) – މަހުގައި ހަރުކުރެއެވެ. ބައެއްބާވަތުގެ ޓެގަކީ މަހުގެ ބޭރުގައި ހަރުކުރާ ޓެގެވެ. މީގެތެރޭގައި "ކޮންވެންޝަނަލް" ޓެގު އަދި "ސެޓަލައިޓް" ޓެގު ހިމެނެއެވެ. އަނެއްބައިބާވަތުގެ ޓެގަކީ ބަނޑުދަށް (ބަނޑައިދޫ) ކުޑަކޮށް ފަޅާލައިފައި ލައްވާ ޓެގު (ޓްރާންސްމިޓަރ/ރެކޯޑަރ) އެވެ. މީގެތެރޭގައި "އެކޯސްޓިކް" ޓެގު އަދި "އާކައިވަލް" ޓެގު ހިމެނެއެވެ. މިއިން ކޮންމެ ބާވަތެއްގެ ޓެގު ކުރުމަށް މަސް ހިފަންޖެހެއެވެ. މަސް ހިފަން ޖެހެނީ މަހަށް ވީހާވެސް ގެއްލުން ކުޑަވާ ގޮތަށެވެ. މަސް ހިފުމަށް ފަހު މަސް މަރާނުލައި ޓެގުކޮށް އަވަހަށް މަސް ކަނޑުތެރެއަށް ދޫކޮށްލަންޖެހެއެވެ.

މަސްއުޅޭ މާހައުލާއި މަސް ދަތުރުކުރާ ގޮތުގެ މައުލޫމާތު އެއްކުރުމަށް ބޭނުންކުރާ އެއްބާވަތުގެ ޓެގަކީ ސެޓަލައިޓް ޓެގެވެ. މިޓެގަކީ މަހުގެބޭރުގައި ހަރުކުރާ ޓެގެކެވެ. މިބާވަތުގެ ޓެގު އާއްމުކޮށް ހަރުކުރަނީ ބޮޑެތި މަހުގައެވެ. މިސާލަކަށް ބޮޑެތި ކަންނެލި އަދި މިޔަރުފަދަ މަހުގައެވެ. މިޓެގު ބޭނުންކޮށްގެން އެއްކުރާ މައުލޫމާތުގެ ތެރޭގައި މަސްއުޅޭ ސަރަހައްދު، އުޅޭ ފުންމިން، އުޅޭ ވެށީގެ ފިނިހޫނުމިން، އަލި ހުންނަވަރު އަދި އެތަނުގައި ހޭދަކުރާ ވަގުތު ހިމެނެއެވެ. މިޓެގުގައި ރެކޯޑުކުރާ މައުލޫމާތު ސެޓަލައިޓް މެދުވެރިކޮށް ސައިންޓިސްޓުންނަށް ފޯރުކޮށްދެއެވެ. މިފަދަ މައުލޫމާތުތައް ބޭނުންކޮށްގެން ކަނދުފަތިކައިރި އަދި އެނޫން ހިސާބުތަކުގައި މަސްޖަމާވާތަންތަން މަސްވެރިން ފާހަގަކުރެއެވެ.

ސެޓަލައިޓް ޓެގު ހަރުކުރެވިފައިވާ ކަންނެލި

މަހުގައިހަރުކުރާ ސެޓަލައިޓް ޓެގު، ކަނޑައަޅާ ވަކިމުއްދަތަކުން (މިސާލަކަށް: އެއް މަސް، ހަ މަސް ނުވަތަ އެއް އަހަރު) މަހުން ވަކިވެގެން ފެންމައްޗަށް އަރާގޮތްހެދެއެވެ. އަދި ފެން މައްޗަށް އެރުމުން ޓެގުގައި ހުންނަ އެންޓަނާއެއް މެދުވެރިކޮށް ސެޓަލައިޓާ ގުޅުން އުފައްދާ، ސެޓަލައިޓް މެދުވެރިކޮށް މައުލޫމާތު އެއްކުރުމަށް ޕްރޮގްރާމް ކޮށްފައި ހުންނަ ކޮމްޕިއުޓަ ސިސްޓަމަށް މައުލޫމާތު ފޯރުކޮށްދެއެވެ. މިފަދަ ޓެގު ހަރުކުރުމަށް މަސް އޮޑިއަށް ނަގަނީ މަސް އޮޑިއަށް ނެގުމަށް ތައްޔާރުކޮށްފައިހުންނަ ހާއްސަ "ސްލިންގ"އެއް ބޭނުންކޮށްގެން ވަރަށް ފަރުވާތެރިކަމާއެކުއެވެ. އަދި މަސް އޮޑީގައި އޮންނައިރު މަހުގެ އަގަތެރެއަށް ހޮޅިއަކުން ފެން/ލޮނުވައްދައެވެ. އަދި މިލޮނުގަނޑު މަހުގެ ކަރުގަނޑުތެރޭން ރަނގަޅަށް ދައުރުވާގޮތަށް ބަހައްޓައެވެ. މިހެންހެދުމުން މަސްމަރުނުވެ ހެއުހާލުގައި ގިނަވަގުތު އޮވެއެވެ. މިފަދަޓެގެއް ހަރުކުރުމަށް ގާތްގަނޑަކަށް ނަގަނީ ދެ މިނިޓެވެ.

ސްލިންގުގެ އެހީގައި އޮޑިއަށް މަސް ނަގަނީ

ކަނދުފަތިތަކުގައި މަސް އަވަލާފައިހުންނަ މުއްދަތު ދެނެގަތުމަށް އަދި އެއްކަނދުން އަނެއްކަނދަށް މަސް ދަތުރުކުރޭތޯ ބެލުމަށް ކުރާ ދިރާސާތަކުގައި ބޭނުންކުރަނީ "އެކޯސްޓިކް" ޓެގެވެ. މިފަދަ ޓެގުގައި އިންނަނީ ކުޑަ ޓްރާންސްމިޓަރ އެކެވެ. މިއީ މަސްފަޅާލައި މަހުގެތެރެއަށްލާ ޓެގެކެވެ. މި މަސައްކަތް ކުރާއިރު، މަހެއްބޭނުމާއެކު މަސް މަރާނުލާ މަސް ޓެގު ކުރުމަށް ތައްޔާރުކޮށްފައި ހުންނަ ތަނެއްގައި އުއްޑުންބާއްވާ މަހުގެ އަނގަތެރޭން ރަނގަޅަށް ފެން/ލޮނުދައުރު ކުރާގޮތް ހަދައެވެ. އަދި އަވަހަށް މަހުގެ ބަނޑުދަށް (ބަނޑައިދޫ) ކުޑަކޮށް ކަފާލައި، ޓެގު (ޓްރާންސްމިޓަރ) މަހުގެތެރެއަށް ލައްވަނީއެވެ. ޓެގު ރަނގަޅަށް އެތެރެއަށްލުމަށްފަހު ކަފާލިތަންކޮޅު ފަހާލައި ރަނގަޅަށް ބައްދާލައި މަސް ކަނޑަށް ދޫކޮށްލަނީއެވެ. މިފަދަ އޮޕަރޭޝަނެއްކުރުމަށް ނަގަނީ ގާތްގަނޑަކަށް ދެ މިނިޓެވެ.

އެކޯސްޓިކުޓެގު ލެއްވުމަށް ބަނޑުދަށް ކަފާލާފައި

މިގޮތަށް މަހުގެ އެތެރެއަށް ޓެގުލައި މަސްދޫކުރުމުގެ ކުރިން ކަނދުފަތިތަކުގައި ރިސީވަރުހަރުކުރެއެވެ. ރިސީވަރުތައް ހަރުކުރަނީ ކަނދުފަތިތައް ކައިރިއަށް ފީނައިގެން ކަނދުފަތީގެ ވަލުގައި ގާތްގަނޑަކަށް 15މީޓަރު އަޑީގައެވެ. ރިސީވަރުތަކުގެ ބޭނުމަކީ ކަނދުފަތި ކައިރިއަށް ޓެގުކޮށްފައި ދޫކުރި މަހުން ޓްރާންސްމިޓުކުރާ ސިގްނަލު ރެކޯޑުކުރުމެވެ. ކަނދުފަތި ކައިރީގައި – ގާތްގަނޑަކަށް 800މީޓަރަށް ވުރެ ކައިރި – މަސް އުޅޭހާއިރަކު މަހުގެ ސިގުނަލް ކޮންމެ 10 ސިކުންތުން ރިސީވަރުގައި ރެކޯޑުކެރެއެވެ. އަދި ރިސީވަރު ތައްޔާރުކޮށްފައި ހުންނަގޮތުން ސިގްނަލް ލިބުނު ދުވަސް (ތާރީހު) އަދި ވަގުތުވެސް އޮޓަމެޓިކުން ރެކޯޑުކުރެވެއެވެ. ކަނދުފަތި ކައިރިއަށް މަސް ޓެގުކޮށް ދޫކުރުމާއެކު ފުރަތަމަ ޓްރާންސްމިޝަން ރިސީވަރުގައި ރެކޯޑުވެއެވެ. އަދި މަސް ކަންދުފަތިކައިރިން ދުރަށް – 800މީޓަރަށްވުރެ ދުރަށް – ދިއުމުން މަހުގައިވާ ޓެގު (ޓްރާންސްމިޓަރ) އިން ފޮނުވާ ސިގުނަލް ކަނދުފަތި ވަލުގައި ހަރުކޮށްފައިވާ ރިސީވަރާ ހަމަޔަކަށް ނުފޯރައެވެ.

ޓެގުކުރާ ކޮންމެމަހަކުން ފޮނުވަނީ އެމަހަކަށް ހާއްސަ ވަކިފުރީކުއަންސީއެއްގެ ސިގުނަލެކެވެ. އެހެންވުމުން އެއީކޮން ބާވަތެއްގެ އަދި ކޮންސައިޒެއްގެ މަހަކުން ފޮނުވާ ސިގުނަލެއްކަން އެނގޭނެއެވެ. އަދި އެމަސް ކަނދުފަތި ދޫކޮށް ދިޔައީ ކަމަށް ބަލަނީ ސިގުނަލް ރިކޯޑުނުވާތާ 24ގަޑިއިރު ވުމުންނެވެ. ދިރާސާކުރާ ސަރަހައްދުގެ އެއްވެސް ކަނދުފައްޗެއްގައި ހަރުކުރެވިފައިވާ ރިސީވަރަކާ 800 މީޓަރަށްވުރެ ކައިރިއަށް މަސް އަތުވެއްޖެ ނަމަ މަހުން ޓްރާންސްމިޓްކުރާ ސިގުނަލް އެރިސީވަރުގައި ރެކޯޑުވެއެވެ. މިހެންވުމުން މަސް އެއް ކަނދުފަތިން އަނެއްކަނދުފަތި ކައިރިއަށް ދިއަސް އެނގެއެވެ.

ދިވެހިރާއްޖޭގައި އަޅާފައިވާ ކަނދުފަތިތަކުގައި މަސް އަވަލާފައި ހުންނަނީ ކިހާދުވަހަކުތޯ ބެލުމަށް އެންމެ ފުރަތަމަ ދިރާސާއެއް ކުރެވުނީ 2010ވަނަ އަހަރުއެވެ. އެފަހަރު މެދު ރާއްޖެތެރޭގައި އަށް ކަނދުފަތީގައި ރިސީވަރު ހަރުކޮށް ކަޅުބިލަމަހާއި ކަންނެލީގައި ޓެގު (ޓްރާންސްމިޓަރ) ހަރުކޮށް ދޫކުރެވުނެވެ. މިތަހުލީލުން އެދެވޭ ނަތީޖާއެއް ނުލިބުމުން މިފަދަ ދިރާސާއެއް ދެން ތަކުރާރު ކުރީ 2017 އަދި 2018ގައި ރާއްޖޭގެ އެންމެ ދެކުނުގެ ފަސް އަތޮޅު ހިމެނޭ ސަރަހައްދުގައެވެ. އެއީ ހައްދުންމަތިން ފެށިގެން އައްޑު އަތޮޅުގެ ނިޔަލަށެވެ. މިސަރަހައްދުގައިވާ 21 ކަނދުފަތީގައި ރިސީވަރު ހަރުކޮށް 100އަށްވުރެ ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެލީގައި ޓެގު (ޓްރާންސްމިޓަރ) ހަރުކޮށް ކަނދުފަތިތައް ކައިރިއަށް ދޫކުރެވުނެވެ.

ދެ އަހަރު ދުވަހަށް ދެމިގެންދިޔަ މިދިރާސާތަކުގައި ދެމޫސުމުގައި (ހުޅަނގު އަދި އިރުވައި) މަސް ކަނދުފަތި ކައިރީގައި އުޅޭއުޅުމަށް އެއްވެސް ބަދަލެއް އާދޭތޯ ބެލުނެވެ. މިދިރާސާތަކުން އެނގުނީ ރާއްޖޭގެ ކަނޑުތަކުގައި ކަޅުބިލަމަހެއް އަވަލާފައި ހުންނަނީ ގާތްގަނޑަކަށް ތިނެއް ނުވަތަ ހަތަރު ދުވަހުކަމެވެ. އަދި ރީނދޫއުރަހަ ކަންނެއްޔެއް އަވަލާފައި ހުންނަނީ ހައެއްކަ ދުވަހުކަމެވެ. އަދި ކަނދުފަތި ވީއްލާ ދިއުމަށްފަހު މިމަސްތައް އެނބުރި އެހެން ކަނދުފަތިތަކަށް ނުވަތަ ފުރަތަމަ ޓެގު ޖަހާ ދޫކުރި ކަނދުފަތި ކައިރިއަށްވެސް ނާންނަކަމެވެ. މި ދިރާސާއިން އެނގުނު އަނެއް ކަމަކީ ރާއްޖޭގެ ސަރަހައްދަށް ކަނޑުމަހުގެ ބާވަތްތައް ވަރަށް ގިނައިން ވަދެ ކަނދުފަތިތަކުގައި އަވަލާކަމެވެ. އެހެނީ ބައެއް ދުވަސްވަރު ބައެއް ކަނދުފަތި ކައިރިން އެތައް ދުވަހެއް ވަންދެން މެދުނުކެނޑި ގިނައިން މަސްބާނާއިރު ވެސް އެކަނދުފަތި ކައިރިން މަސް މަދުނުވެ ހުރެއެވެ.

ރާއްޖޭގެ ކަނދުފަތީގެ ވިއުގަރއާއި އެހެންގައުމުތަކުގެ (ހަވާއީ، ޖަޕާނު އަދި ކޮމޮރޯސް) ކަނދުފަތީގެ ވިއުގަރއާ ހުންނަ މައިގަނޑު ތަފާތަކީ ރާއްޖޭގެ ކަނދުފަތިތައް ހުންނަނީ އެހެން ގައުމުތަކުގެ ކަނދުފަތިތަކާ އަޅާބަލާއިރު އެއް ކަނދުފަތި އަނެއް ކަނދުފައްޗާ މާ ދުރުގައެވެ. ކަނދުފަތިތައް އެއްކަނދާ އަނެއްކަނދު ކައިރީގައި ހުންނަ ވިއުގަރ ތަކުގައި މަސް މާގިނަ ދުވަހު ކަނދުފަތީގެ ވިއުގަރ ތެރޭގައި ހިފެހެއްޓިފައި ހުރެއެވެ. އެހެން ވަނީ އެގައުމުތަކުގައި ކަނދުތައް ކައިރިކައިރީގައި ހުރުމުން މަސް އެއްކަނދުން އަނެއްކަނދަށް ދަތުރުކުރާތީއެވެ. މިފަދަ ވިއުގަރތަކުގައި ހަދާފައި ހުރި ދިރާސާތަކުން ކަނދުފަތީގެ ވިއުގަރ ތެރޭގައި ތިރީހަކަށްދުވަހު މަސް އަވަލައިގެން އުޅޭކަން އެނގިފައިވެއެވެ. އޮއިވާލި ކަނދުފައްޗަކީ ދުނިޔޭގެ ވަރަށް ގިނަ މަސްވެރިން ކަނޑުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ ކާމިޔާބު އާލާތެކެވެ.

comment ކޮމެންޓް