ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާއާ ބެހުނު ކާފައާއި މުނިކާފަ އުމުރަށް ޖަލަށް

ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ -- ސަން ފޮޓޯ

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

ދެހާސް ވިިހި ވަނަ އަހަރުގެ ޖަނަވަރީމަހު، ރާއްޖޭގެ ގިނަ ބަޔަކަށް ކުއްލި ސިހުމެއް ގެނުވި، މި މައްސަލައިގައި ހައްޔަރު ކުރީ އެ ކުއްޖާގެ ކާފަ، އިބްރާހީމް ދީދީ، 62، އާއި މުނިކާފަ، ހަސަން މޫސާ ދީދީ، 82،އެވެ. ހައްޔަރު ކުރުމަށްފަހު، އެ ދެމީހުންގެ މައްޗަށް އުފުލީ ޢާއިލާގެ މެންބަރަކު އެ ޢާއިލާގެ ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ދައުވާއެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު އިއްވި ޙުކުމުގައި ވަނީ ޖަނަވަރީ 17، 2020 ވަނަ ދުވަހުގެ ކުރިން ތަފާތު އެކި ދުވަސްމަތިން، އިބްރާހީމް ދީދީގެ ކާފަ ދަރި އަދި ޙަސަން މޫސާ ދީދީގެ މުނިކާފަ ދަރިއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ދެ މީހުން ބަންދުގައި ތިބި މުއްދަތު ޖަލު ހުކުމުން އުނިކޮށްލުމުން ތަންފީޒު ކުރަންޖެހޭ މުއްދަތަކީ 22 އަހަރާއި 10 ދުވަސް ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

އެ މައްސަލައާ ގުޅިގެން އެ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށް ވެސް ދައުވާކުރިއެވެ. އެ ދެ މީހުންގެ މައްޗަށް އުފުލީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ދައުވާއާއި އެކަށީގެން ނުވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލަ ހުށަހެޅީ ކަނޑުހުޅުދޫ ކޯޓަށެވެ. އެ ކޯޓުން އެ މައްސަލަ ބަލައި ހުކުމް އިއްވާފައެއް ނުވެއެވެ.

comment ކޮމެންޓް