ހަވާލުވީ ތިޖޫރީއެއްގެ ތަޅުދަނޑިއަކާ ނޫން، ހާލުގައި ޖެހިފައި އޮތް އަޅުގަނޑުމެންގެ ކުލަބާ: ވާސިފް

ނިއުރޭޑިއެންޓު ސްޕޯޓްސް ކުލަބުގެ އިސްވެރިން--- ފޮޓޯ/ ނިއުރޭޑިއެންޓު

ހަވާލުވީ ތިޖޫރީއެއްގެ ތަޅުދަނޑިއަކާ ނޫން ކަމަށާއި ހާލުގައި ޖެހިފައިވާ އެންމެންގެވެސް ކުލަބާ ކަމަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙުމަދު ވާސިފް ވިދާޅުވެއްޖެއެވެ.

ލަވަކިޔުންތެރިޔާ ހައްމާދު ރަޝީދު (ހަމްޕު)އަށް އެ ކްލަބުން ދޭންޖެހޭ ފައިސާ ހޯދަން ކޯޓަށް ދާން ނިންމާފައިވާ ކަމަށް އޭނާ ބުނެފައިވާތީ އެކަމާ ގުޅިގެން ވާސިފް މިއަދު "ސަން"އަށް ވިދާޅުވީ އެންމެ ފުރަތަމަ ނިއުރޭޑިއަންޓު ސަސްޕެންޑު ކުރީ 2019ވަނަ އަހަރު އޭރު އެ ކުލަބުގައި ތިބި ބޭރު ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިން އެމީހުންނަށް ދޭން ޖެހޭ ފައިސާ ނުދީ ހުރެގެން ކަމަށެވެ.

ނަމަވެސް މިހާރު ނިއުރޭޑިއެންޓު ހިންގަން ތިއްބެވި ބޭފުޅުން ކުލަބާ ހަވާލުވީ ހުރިހާ ކަމެއް އެނގިގެން ކަމަށާއި ދަރަނި އޮތް ވަރާއި އޭރު ނިއުގެ ހާލަތު ވެސް ރަނގަޅަށް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހުރިހާ ކަމެއް ސިކުނޑީގަ ބަހައްޓައިގެން ކުލަބާ ހަވާލުވީ އެކުލަބުގެ ދަރަނި ދައްކައި ސަޕޯޓަރުންނަށް އަނބުރާ ނިއު ހޯދައިދިނުމުގެ އަޒުމާއި މަގުސަދުގައި ކަމަށް ވާސިފް ވިދާޅުވިއެވެ.

"އެންމެން ވެސް ގަބޫލު ކުރަން ޖެހޭ ދަރަނި ދައްކަން އޮތްކަން. އެއްވެސް ހާލަތެއްގައި ދަރަނި ދައްކާ ޚަލާސްކޮށްފަ ޓީމު އައިކީއެއްވެސް ނޫން. ހަމައެކަނި ޓީމު ދަނޑަށް ނެރުމުގެ މަސައްކަތް އެކުރެވުނީ. ޓީމު ދަނޑަށް ނެރެވޭނީ ބޭރުގައި ހުރި ބޭން ތަކާއި ސަސްޕެންޝަންތައް އުވާލެވިގެން. އެކަން ކުރެވޭތޯ ބެލީ. ބޭރުގެ ކުޅުންތެރިން ވެސް ވަރަށް ބޮޑުތަން ކުޑަ ކޮށްދިން ދައްކަން ޖެހޭ ވަރު،" އޭނާ ވިދާޅުވިއެވެ.

ވާސިފް ވިދާޅުވީ ގިނަ ބައެއްގެ އެހީތެރިކަމާއެކު 215،000 ޑޮލަރު ދައްކާފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެހީތެރިކަން ލިބުނު ހިސާބަކީ އެއީ ކަމަށެވެ. އެގޮތުން އެމަނިކުފާނު ދެއްވި މަގާއި ދެއްްވި އިރުޝާދާއި ދެއްކެވި މަގުން ކުރިއަށް ގޮސް ޓަކި ޖަހަން ބުނި ދޮރުތަކުގައި ޓަކި ޖަހައިގެން ކާމިޔާބާ ހިސާބަށް ވާސިލުވެވުނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ ބޭން އުވާލެވުނު ހިސާބަކީ ފުރަތަމަ ކާމިޔާބީ. އެއީ ލިބުނު ޓްރޮފީއެއް. ވުޖޫދުން ގެއްލިފަ ނުވަތަ ގެއްލުވާލެވިފަ އޮތް ކުލަބެއް އަނެއްކާވެސް ދަނޑަށް އަނބުރާ ގެނެވުނީ. މިހާ ހިސާބަށް މި އާދެވުނީ އޭރު މައްސަލަ ޖައްސާފަހުރި ދިވެހި ކުޅުންތެރިންގެވެސް ވަރަށް ބޮޑު ގުރުބާނީއަކާ އެއްކޮށް. ބައެއް ކުޅުންތެރިން ދެބައިކުޅަ އެއްބައި ކަނޑައިދިން. ފުޓުބޯޅައިގެ ރޫހު އަލުން ގެނުވައި ދަނޑުތައް ފުރާލަން އެމީހުން ނިއުއާ އެއްކޮށް އެއްބަސްވުމަކަށް އައި،" އޭނާ ވިދާޅުވިއެވެ.

ދަނޑަށް ނިކުތުމާއެކު އެ ކުލަބަށް ސްޕޮންސާ ލިބޭނެކަމާމެދު ޝައްކު ނުކުރާ ކަމަށާއި ނިއުގެ ސަޕޯޓަރުން އަބަދުވެސް ކުލަބާއެއްކޮށް ދެމިތިބޭނެ ކަމުގެ ޔަގީންކަން އޮތުމަކީ މިހާރު ހުރި ދަރަނިތަކާއެކުވެސް އެނބުރި އައުމުގެ ބޮޑު އެއް ސަބަބު ކަމަށް ވާސިފް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތާނގައި މާތްﷲގެ ވާގިފުޅާއެކު ހުރިހާ ދަރަންޏެއް ދައްކައި ނިންމާލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ނިއުރޭޑިއެންޓު ބޯޑުގެ މައިގަނޑު މަގުސަދަކީ ކުރީގެ އޮތް ޓީމު ގެނެސްދިނުން. ކުރިން ރޭޑިއެންޓުގައި ތިބި ކުދިން މިހާރު ނިއުގައި އެތިބީ. ރޭޑިއަންޓަށް އެކި ސަބަބުތަކާ ހެދި ކުރިއަށް ނުދެވުނީމަ ސޮއި ކުރި ކުދިން މިހާރު އެތިބީ ނިއުގަ،" އެނާ ވިދާޅުވިއެވެ.

ވާސިފް ވިދާޅުވި ގޮތުގައި އަސްލު މަގާމަށް ވާސިލުވެވުނީމަ ނޫނީ ދެން ނިއުއެއް ނުހުއްޓުވޭނެއެވެ. އަދި ތިން ވަނަ ޑިވިޝަންއަށް އެކުލަވާލި ޓީމަކަށް ނެގި ކުޅުންތެރިންތަކެއް މިހާރު ދެވަނަ ޑިވިޝަންގެ ޓީމުގައި ތިބުމުން ފާޑު ކިޔާނެ ބަޔަކު ވެސް ތިބެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ނިއުގެ ޖޯޒީ ލުމާއެކު އަންނާނީ ވަކި ރޫހަކާއި ވަކި ޖޯޝެއް ކަމަށާއި މިހާރު ތިބި ކުޅުންތެރިންގެ ވެސް އަޒުމަކީ ކުލަބު ފުރަތަމަ ޑިވިޝަނަށް ގެނެސްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މީހަކު ޖަހާލާ ޕޯސްޓަކަށް މާޔޫސްވެގެން ކަރުއެލުވާލައިގެން ނުހުންނާނެ ކަމަށް ވާސިފް ވިދާޅުވިއެވެ. ކުލަބާ ހަވާލުވެ މިހާރު ތިބީ މިލިއަނަރުންނެއް ނޫން ކަމަށާއި މިހާރު ކުލަބާ ހަވާލުވެ ތިބީ މީގެ ކުރިން ބެންޗު ފުރަގަހުގައި ކުލަބަށް ސަޕޯޓު ކުރަން ތިބި މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ނިއުއާ ވިކްޓްރީއާ ނެތި ކުޅިވަރުގެ ރޫހެއް ނާންނާނެކަން ދަންނަން ޖެހޭ. ލާރި އޮތަކަަސް ސަޕޯޓަރުންނެއް ނުލިބޭނެ. އެކަން ދައްކަދޭނެ މިފަހަރު ދެވަނަ ޑިވިޝަންގެ މުބާރާތުގައި،" އޭނާ ވިދާޅުވިއެވެ.

ވާސިފް ވިދާޅުވީ ނިއުރޭޑިއެންޓު ވުޖޫދުގައި އޮވެގެން ފުޓުބޯޅައިގެ ރަސްގެފާނުގެ މަގާމު އިތުރު ބަޔަކަށް ލިބުމަކީ ނާދިރު ކަމެއް ކަމަށެވެ. ހަމައެގޮތަށް ފުޓުބޯޅައަށް ވިކްޓްރީގެ އެނބުރިއައުމަކީވެސް އުފާވެރިކަމެއް ކަމަށާއި އެ ކުލަބުގެ އެނބުރި އައުމަށްވެސް ސެލިއުޓް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ފުޓުބޯޅަ ދިރުވޭނީ ނިއުރޭޑިއެންޓާއި ވިކްޓްރީ އަދި އޭގެ ފަހަތުން ވެލެންސިއާ ވެސް އޮވެގެންނެވެ. އެ ތިން ކުލަބު ރަމްޒުކޮށްދޭ ތިން ކުލަ ފުޓުބޯޅައިގަ އޮންނަން ވާނެ ކަމަށް ވާސިފް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް