ޚަރަދު ކުޑަކުރެވޭނީ ސަރުކާރުން ކުރާ ބޭކާރު ޚަރަދު މަދުކޮށް، ސިޔާސީ މަގާމުތައް މަދުކޮށްގެން: ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ޚަރަދު ކުޑަ ކުރެވޭނީ ސަރުކާރުން މިހާރު ކުރާ ބޭކާރު ޚަރަދު މަދުކޮށް, ސަރުކާރުގެ ސިޔާސީ މަގާމުތައްވެ ސް މަދުކޮށްގެން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ސައީދު ވިދާޅުވީ އެއްވެސް ކަމަކާ ގުޅިގެން ސަރުކާރުގެ މާބޮޑު ތަޞައްވުރެއް ނެތް ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް ބަލަނީ ރައްޔިތުންގެ އަތުން ވީހާވެސް ގިނައިން ފައިސާ ހޯދޭތޯ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

"މިހާރުވެސް ކަންކަން ކުރާ ގޮތުން އެނގޭނެ ސަރުކާރުގެ މާ ބޮޑު ވިސްނުމެއް ނެތްކަން ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދޭކަށް. އަބަދުވެސް ބަލަނީ ރައްޔިތުން ފެލައިގެން ދައުލަތަށް ލާރި ވަދޭތޯ. އެވެސް ޒުވާނުންގެ ޖީބުން. އެމީހުން ގިނަ ފަހަރަށް އަނގަޔާ އަތާ ދިމާނުވާ ހާލަތަށް އެބަދޭ ސަރުކާރުގެ ކަންކަން ހުންނަ ގޮތުން،" ސައީދު ވިދާޅުވިއެވެ.

މިހާރުވެސް ޖީއެސްޓީއާއި ޓީޖީއެސްޓީގެ ބޮޑު ކުރަން ނިންމި ސަބަބެއް ނުވިސްނޭ ކަމަށާއި ތަކެތީގެ އަގު އެހާ ބޮޑުކޮށްފައިވާ ދަނޑިވަޅެއްގައި ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކޮށްގެން ރައްޔިތުންނަށް ދެވޭނީ އަނިޔާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ޚަރަދުތައް އެއްވަރެއްގައި ހިފަހެއްޓުމަށާއި ޚަރަދުތައް މަދުކުރުމަށް ކުރެވޭނެ އިތުރު ކަންކަންވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިހާރުވެސް ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް ހުއްޓާލުމުން އޭގެ ތަފާތު ބޮޑު ތަނުން ފެނިގެން ދާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ކެބިނެޓުގެ މެންބަރުން ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުތައް މަދު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިހާރުވެސް ދައުލަތަށް ވަންނަ އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ނިކަމެތި މީހާ ދުއްވާ ވެހިކަލުތަކުގައި ސްޓިކާ ޖެހައި ޖޫރިމަނާ ކޮށްގެން ސަރުކާރުން ހޯދަމުންދާ ކަމަށެވެ. އަދި އެއީ އިތުރަށް ރައްޔިތުން ނިކަމެތި ކުރުން ކަމުގައި ސައީދު ވިދާޅުވިއެވެ.

ސައީދު އެހެން ވިދާޅުވެފައި ވަނީ ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީއާ ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން ފިނޭންސް މިނިސްޓްރީން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ފިނޭންސް މިނިސްޓްރި އިބްރާހީމް އަމީރު އިއްޔެ ވިދާޅުވީ ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފައި ވަނީ 12 ޕަސެންޓުން 16 ޕަސެންޓަށް ކަމަށާއި ޖީއެސްޓީ ބޮޑުކުރާނީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ކަމަށެވެ.

މީގެ އިތުރުން ޚަރަދު ކުޑަ ކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީ ދޭ ގޮތްތަކަށް ބަދަލު ގެނައުމާއި ސަރުކާރު ކުންފުނިތައް ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަ ކުރުން ހިމެނޭ ކަމަށް އަމީރު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް