ފާހިޝް ޢަމަލުތައް ހިންގާ މީހުންނަށް އިސްލާމީ ޝަރީއަތުގައިވާ ހައްގު އަދަބު ދިނުމަށް ގޮވާލައިފި

ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން ޢަބްދުﷲ --

ފާހިޝް ޢަމަލު ހިންގާ ފަތުރާ މީހުންނަށް އިސްލާމީ ޝަރިއަތުގައިވާ ހައްގު އަދަބު ދިނުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން މިކަމަށް ގޮވާލީ ހައިޕްރޮފައިލް ބައެއް ބޭފުޅުންނާއި އެބޭފުޅުންގެ ޢާއިލާގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީސް މެންބަރުންނާ އަދި ސިޔާސީ ބައެއް ފަރާތްތައް ކަމަށް ބެލޭ ފަރާތްތަކެއްގެ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް މީސް މީޑިއާގައި ދައުރުވާން ފަށާފައި ފޯވައްސެއްގައެވެ.

އަދާލަތުން ބުނީ އެފަދަ ފާހިޝް ޢަމަލުތައް ކުރާ މީހުންނާއި އެކަމުގައި ޝާމިލުވާ ފަރާތްތަކާއި މީސްތަކުންގެ މެދުގައި މި ފަދަ ޢަމަލުތައް ކުރަމުން ގެންދާ ފަރާތްތަައް ދެނެގަނެ، އެމީހުންގެ މައްޗަށް ޝަރިއަތް ހިންގާ ދައުވާ ސާބިތުވާ ފަރާތްތަކާމެދު އިސްލާމީ ޝަރިއަތުގައިވާ ހައްގު އަދަބު ދިނުމަށް ކަމާބެހޭ އެންމެހާ މުއައްސަސާ ތަކަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން މިކަމުގެ ތެރެއިން އިންސާނީ ވަގުފާރީގެ ޢަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާމެދުގައި އިސްލާމްދީނުގައި އައިސްފައިވާ ހައްގު ފިޔަވަޅު އެޅުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

"ސޯޝަލް މީޑިއާގައްޔާއި އެހެނިހެން ވަސީލަތްތަކުގެ ޒަރިއްޔާއިން ދައުރުވަމުން ގެންދާ ހައްދުފަހަނަ އަޅާފައިވާ ފާހިޝް ޢަމަލުތައް ދައްކުވައިދޭ ވީޑިއޯ ކްލިޕްތަކާ ފޮޓޯތަކަކީ ސައްތައިން ސައްތަ އިސްލާމީ ދިވެހި ޤައުމުގެ އިސްލާމީ ވަންތަކަން ކިލަނބު ކުރުވާނޭ ތަކެތި ކަމުގައި ނޫނީ ނުވޭ. މިފަދަ ވީޑިއޯތަކާއި ފޮޓޯތައް މުޖުތައުގައި ފެތުރުމަކީ އިޖުތިމާއީ ފޭރާން ވީދި، މީސްތަކުގެ މެދުގައި މުންކަރާތްތައް އާއްމު ވުމަށް މަގުފަހިވާނޭ ކަމެއް،" އަދާލު ޕާޓީން ބުންޏެވެ.

މުޖުތަޢުގެ ހަމަޖެހުމާއި އާއްމު މަސްލަހަތާއި ފާގަތިކަމަށް ޓަކައި އިސްލާމް ދީން ވަނީ އެންމެހާ ފާހިޝް ޢަމަލުތަކާއި މުންކަރާތްތައް ނަހީ ކުރައްވާފައިކަން ފާހަގަ ކުރަމުން އަދާލަތުން ބުނީ އެގޮތުން އިންސާނީ ފިތުރަތާ ޚިލާފު ޢަމަލެއް ކަމުގައިވާ "ލިވާތު"ގެ ހުތުރު ޢަމަލާއި ޖިންސީ ނަހަމަ ގުޅުން ތަކަކީ މާތްﷲގެ ކޯފާއާއި ނައުނަތް ހައްގުވާ ޢަމަލުތަކެއް ކަމަށެވެ.

އެއްވެސް ބިރެއް ނެތި އެފަދަ ޢަމަލު ހިންގާ މީހުންގެ ސަބަބުން މުޖުތަޢުގައި ނުރައްކާތެރި ބަލިތައް ފެތުރި ޢާއްމު ވެދާނެ ކަމަށް ބުނެ އަދާލަތުން ވަނި އިންޒާރު ދީފައެވެ.

"މިއީ ޤައުމީ ނިސްބަތެއްގައި އެކަމާ ދެކޮޅަށް އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހިފައިވާ ބޮޑު ވަބާއެއް. މިވަބާ ހަލުވި ދުވެލީގައި ދިވެހި ފަސްގަނޑުގައި ފެތުރި ދިޔުމުގައި ކުރިން ކުރިއާލާ ތައްޔާރުވެ، އެކަމާ ދެކޮޅަށް ތެދުވަންޖެހޭ ވަގުތަކީ މިއީ. އަދި ދައުލަތުގެ އެންމެ އިސް ވެރިޔާއިން ފެށިގެ އެންމެހާ އަފުރާދުން އެކަތިގަނޑެއްގެ ގޮތުގައި ދިވެހި ތުއްތު ކުދިންނާއި އަންނަން އޮތް ޖީލުތަކުގެ ދިފާއުގައި ތެދުވުމަށް ގޮވާލަން،" އަދާލަތުން ބުންޏެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އަދާލަތު ޕާޓީ އުފަންކުރީ 2005ވަނަ އަހަރުގައެވެ.

އަދާލަތު ޕާޓީއަކީ ރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމާއި ދީން ހިމާޔަތް ކުރުމުގެ ނަމުގައި އުފެއްދި ޕާޓީއެކެވެ. ކަން މިހެން އޮތްއިރު، މިފަހަރު އާއްމުކުރި ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތަކުގެ މައްސަލައިގައި އެއްޗެއް ބުނުމަށް ފަސްްޖެހޭ ކަމަށް ތުހުމަތުކޮށް ގިނަ ބައެއްގެ ނަފުރަތާއި ފާޑުކިޔުން ވަނީ އެ ޕާޓީއަށް އަމާޒުވާން ފަށާފައެވެ.

comment ކޮމެންޓް