މި އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ކ. ގުރައިދޫގައި 'ކ.ގުރައިދޫ ބޮޑު ޢީދު'ގެ ނަމުގައި ކުލަގަދަކޮށް ޢީދު ކުޅިވަރު ކުޅުމަށް ނިންމައިފިއެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ޙުސައިން ޔާމީން މުޙައްމަދު ވިދާޅުވީ ގުރައިދޫގައި މިއަހަރު ޢީދު ފާހަގަ ކުރާނީ ވަރަށް ކުލަގަދަކޮށް ކަމަށެވެ. އެރަށުގައި ޢީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ތިން ދުވަހަށް ބަހާލައިގެންނެވެ.
ގުރައިދޫގައި ޢީދު ފެށުމަށް ހަމަޖެހިފައިވަނީ ބޮޑު ޖަމާއަތުގައި ބާއްވާ ޢީދު ނަމާދުންނެވެ. އެއަށްފަހު ޢީދު ސައި އޮންނާނެ ކަމަށް ކައުންސިލުން ބުންޏެވެ. ފުރަތަމަ ދުވަހުގެ ރޭ ޢީދު ޝޯއެއް ބޭއްވުމަށްފަހު ހަވާ އެރުވުމަށް ވެސް ވަނީ ނިންމާފައެވެ. ޢީދު ޝޯ ތިން ދުވަހުވެސް އޮންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ބޮޑު ޢީދުގައި ގުރައިދޫގައި ހަވާއެރުވުމަށް ވަނީ ނިންމާފައި--- ފޮޓޯ/ ކ. ގުރައިދޫ ކައުންސިލް
އެރަށުގައި ތަފާތު އެކި ކުޅިވަރުތައް ކުޅުމަށް ނިންމާފައިވާއިރު ފުޓުބޯޅަ މެޗުތަކަކާއި ފެންކުޅީގެ ހަރަކާތްތަކުގެ އިތުރުން ސަގާފީ އެކިއެކި ކުޅިވަރުތައް ކުޅުމަށް ނިންމާފައިވެއެވެ.
ކުޑަކުދިންނަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމާއެކު 'ރޮބޯ މޭން'ގެ ހުނަރު ދައްކާލުމަށް ވެސް ނިންމާފައިވެއެވެ. އެރަށުގެ ޢީދު ޝޯތަކުގައި ކާއްޓޭ އަދި މަޓޭގެ އައިޓަމްތަކަކާއި، 2 ސެންސް، އައިލެންޑް ބީޓްސް، ހިޔަލަ ގްރޫޕް އަދި އިކުއައިޓް ވައިބް ބޭންޑްގެ ހުނަރުތައްވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ކާއްޓޭ އަދި މަޓޭ ވެސް ގުރައިދޫ ޢީދު ޝޯގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައި--- ފޮޓޯ/ ކ.ގުރައިދޫ ކައުންސިލް
ބޮޑުބެރުޖެހުމާއި ސަގާފީ އެތައް ކަމެއް އަދި ހެއްވާ މަޖާ ކުޅިވަރުތައް ގުރައިދޫން ފެންނާނެ ކަމަށާއި، މިފަހަރުގެ ޢީދު ވަރަށް ފޯރިގަދަ ޢީދަކަށް ވާނެ ކަމަށް އެ ރަށުގެ ކައުންސިލުން ބުންޏެވެ.