ރ. މީދޫން ޢާލިމް އަބްދުއްލަތީފް
ރ. މީދޫގައި ރޭ އީދުގެ ފޯރި ފެށި ގިނަ ކުޅިވަރުތަކެއް ކުޅެފިއެވެ.
މި ރަށުގައި ރޭ އޮތީ ކަރުދާސް މާލި، ރަދުން ހިއްޗަށް ވަޑައިގަތުން އަދި ފަން މާއްޔެވެ.
ހިއްޗަށް ވަޑައިގަތުމަކީ ރާއްޖޭގައި ރަސްކަން އޮތް ޒަމާނުގައި ރަދުން ރަސްމީ އިއްޒަތުގައި ހިންގަވާ ހިންގެވުމެއްގެ ހަނދާންއާ ކުރުމުގެ ގޮތުން ބާއްވާ ކުޅިވަރެކެވެ.
ރަސްކަމުގެ ޒަމާނުގައި ރޯދަ މަހު، މާލޭގައި ހަތަރު ފަހަރު ހިއްޗަށް ވަޑައިގަތުން އޮވެއެވެ. މި ރަސްމިއްޔާތަށް "ހިތި" މި ނަމުން ނަން ދެވުނީ، މި ކަމުގެ ތެރޭގައި ބަނބުކޭލު ހިތި ކެއްކުން ހިމެނޭތީ ކަމަށް މައުލޫމާތު ލިބެއެވެ.
ހިއްޗަށް ވަޑައިގަތުން އޮންނަނީ ވަލީވެރިއެއްގެ ޒިކުރާ އާ ކުރުމުގެ ގޮތުންނެވެ. އެ ޒަމާނުގައި މާލޭގައި ޒިކުރާ އާ ކުރެވޭ މި ފަދަ ބޭކަލުންނަކީ ތަބްރީޒީގެފާނާއި، ސުލައިމާނުލްމަދަނީއާއި ޙަބްޝީގެފާނާއި ޝަހީދުވި އަލި ރަސްގެފާނެވެ. ހިއްޗެއް ހާއްސަ ކުރެވޭނީ މިއިން ބޭކަލަކަށެވެ. އެ ބޭކަލަކަށް ހާއްސަ ވާ ހިތީގައި އެ ބޭކަލެއްގެ ޒިޔާރަތަށް ވަޑައިގެން ރަދުން ފާތިހާ ވިދާޅުވާނެއެވެ.
މީދޫގައި މި ހަރަކާތް ކުރިއަށް ގެންދިޔަ ގޮތަކީ "ރަދުން" މި ރަށު ޖަމިއްޔަތުއްޞަލާހުގެ އޮފީހުން ނުކުމެވަޑައިގެން މި ރަށުގެ ބޮޑެތި މަގުތަކުގައި ހިންގެވީއެވެ. ރަދުންގެ ވަފުދުގައި ޖަޑިބާއި ހަނގުބޭކަލުންނާއި ބެރުދުންމާރިވެރިންގެ އިތުރުން ސިފައިން ވެސް ބައިވެރިވިއެވެ.

ރަދުން ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ: ނާޝިތު ރަޝީދު
ބޮޑެތި މަގުތަކުގައި ހިންގެވުމަށްފަހު، މިސްކިތް ކައިރީގައި މަޑުކުރައްވާ ފާތިހާ ވިދާޅުވިއެވެ.
ރޭ މި ރަށުގައި އޮތް ފަންމާލީގެ ކުޅިވަރު ވެސް ފޯރިގަދައެވެ. އެކި ފަރުމާތަަކަށް ފަންމާލިތައް އުޅުނުއިރު، ރަށުގެ މަގުތަކުގައި ބެރަށް ފައި ހަމަކުރަމުން ނެށިއެވެ. ވަރަށް ފޯރި ހުއްޓެވެ.

ފަންމާލިތައް މަގުތަކުގައި ނަށަނީ -- ފޮޓޯ: ނާޝިތު ރަޝީދު
ކަރުދާސް މާލީގެ ކުޅިވަރުތައް ވެސް އެހާ ފޯރިގަދައެވެ. މާލިތައް އެކި ސައިޒްތަކަށް ހަދައިފައި ހުއްޓެވެ.
މިއަދު ވެސް މި ރަށުގައި ގިނަ ހަރަކާތްތަކެއް އެބައޮތެވެ. އެ ގޮތުން، ހެނދުނު އީދު ޖާފަތް އޮތްއިރު، މެންދުރު އޮތީ ވާދެމުމުގެ ކުޅިވަރެވެ. ހަވީރު ކުޑަކުދިންގެ ހަވީރެއް އޮތް އިރު މިރޭ އޮތީ ކާފާބޭ ކުޅިވަރާއި ބޮޑުމަސް ބޭނުމެވެ.
ރ. މީދޫގެ އީދު ކުޅިވަރުތައް އެސްއެސްޓީވީން ފެންނާނެއެވެ. ގޭގެ ސިޓިންރޫމުން އީދުގެ އިހުސާސްކޮށްލުމަށް އެސްއެސްޓީވީއަށް ޓިއުން ކޮށްލާށެވެ.