ކޯޕަންހޭގަންގެ ޝޮޕިންމޯލުގައި ބަޑިން ހަމަލާދީ ބަޔަކު މަރާލި ހާދިސާއަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް ނުބެލެވޭ: ޑެންމާކު ފުލުހުން

ކޯޕަންހޭގަންގެ ޝޮޕިންމޯލުގައި ދިން ބަޑީގެ ހަމަލާތަކަށްފަހު އެތަނުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ

ކޯޕެންހޭގަން (4 ޖުލައި 2022): ޑެންމާކުގެ ވެރިރަށް ކޯޕެންހޭގަންގެ ޝޮޕިން މޯލެއްގެ ތެރޭގައި ހަތިޔާރު އެޅި މީހަކު ބަޑީގެ ހަމަލާތަކެއްދީ ތިން މީހުން މަރާލި ހާދިސާއަކީ ޓެރަރިސްޓް އަމަލެއްކަމަށް ބެލެވެންނެތް ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ޑެންމާކުގެ ފުލުހުން ބުނިގޮތުގައި ބަޑިން ހަމަލާދިން މީހާވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ތަހުގީގު ފަށާފައިވާތީ އެމީހާއާބެހޭ އިތުރު މައުލޫމާތު ދެވޭކަށް ނެތެވެ. އެމީހާއާ ސުވާލުކޮށް މިހާތަނަށް ކޮށްފައިވާ ތަހްގީގުތަކަށް ބަލާއިރު އެއީ ޓެރަރިސްޓް ހަމަލާއެއްކަމަށް ބެލެވޭނެ ޖާގައެއްނެތް ކަމަށް ޑެންމާކުގެ ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

މި ހާދިސާގައި ތިން މީހުން މަރުވެ ހަތަރު މީހުން ވަނީ ޒަޚަމްވެފައެވެ. ޒަޚަމްވި މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޑެންމާކުގެ ފުލުހުން ބުނާގޮތުން މި ހާދިސާއާބެހޭ ތަހުގީގު ބިނާވެފައިވަނީ ހައްޔަރުކޮށްފައިވާ މީހާ ޝޮޕިން މޯލަށް ހަމަލާތައް ދިނީ އެހެން ފަރާތެއްގެ ބައިވެރިވުމަކާ އަދި އެހެން ފަރާތެއްގެ ރޭވުމަކާ ލައިގެންތޯ ނޫނީ އެކަންކުރީ އޭނާ އެކަނިތޯ ޔަގީން ކުރުމުގެ މައްޗަށެވެ.

ރިޕޯޓްތައް ބުނާގޮތުން އެއީ ފީލްޑްސް ޝޮޕިންމޯލު ނަމަކަށްކިޔާ މޯލެކެވެ. އެތަނަށް ހަމަލާދީގެން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ޒުވާން ފިރިހެނެކެވެ. އިއްޔެ ދިން މިހަމަލާއަށްފަހު ޑެންމާކުގެ ފުލުހުން ވަނީ އެގައުމުގެ އެކިކަންކޮޅުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފީލްޑްސް ޝޮޕިންމޯލުގެ ތެރޭގައި ބަޑިން ހަމަލާދިނީ ހަފްތާ ބަންދުގައި ގިނަ ބަޔަކު އެތަނުން ޚިދުމަތް ހޯދަމުން ގެންދަނިކޮށެވެ. ހަމަލާތައް ދިންއިރު އެއް ބަޔަކު އެތަނުން ބާޒާރުކުރަނީއެވެ. އަނެއްބަޔަކު ގެންދިޔައީ އެތަނުގެ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ކައިބޮއި އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންނެވެ. ގިނަ މީހުން އުޅުނުކަމަށްވަނީ އެމީހުންގެ އާއިލާގެ މެންބަރުންނާވެސް އެކުގައެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ވެސް ޑެންމާކުގެ ޝޮޕިންމޯލެއްގައި މީހަކު ބަޑިން ހަމަލާތަކެއްދީ ދެމީހަކު މަރާލައި ހަ މީހުން ޒަޚަމްކޮށްލާފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް