ކައުންސިލްތަކަށް އާމްދަނީ ލިބޭގޮތަށް ދެން ބިންތައް ކުއްޔަށް ދޫކުރެވޭނެ

ރައީސް ޞާލިހު ބިލެއް ތަސްދީގު ކުރައްވަނީ ---

ކައުންސިލުތަކަށް އެކަށީގެންވާ އާމްދަނީއެއް ލިބޭފަދަ ގޮތަކަށް މާކެޓް ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފަހިކޮށްދޭ ގޮތަށް ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި އިސްލާހުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ޙައްޤުތައް ބަދަލުކުރުމުގައި ހުއްދަދޭ ފަރާތަކަކީ ކައުންސިލުތައް ކަމުގައި ވެސް ވަނީ ކަނޑައަޅުއްވާފައެވެ.

މީގެ އިތުރުން އެ އިސްލާހަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ޖޮއިންޓް ވެންޗާ އުސޫލުން ކުއްޔަށްދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ހިއްސާ ވިއްކާލުމުގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް ހުރިހާ ފަރާތެއްގެ ހައްގުތައް ހިމާޔަތްކުރެވޭނެ އުސޫލެއްގެ ތެރެއިން އެ ތަންތަނުގެ ހިއްސާގެ އަގު ކަނޑައެޅޭނެ ގޮތަކަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.

މި އިސްލާހުގެ ދަށުން ރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަޖެހެއެވެ.

އަދި މިނިސްޓްރީން ހުއްދަ ދީގެން ފަތުރުވެރިން ބެއިތިއްބުމަށް ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް މެރީނާތަކުގެ ހިންގުމުގެ ހުއްދަ މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން މިއަދުން ފެށިގެން އެއް އަހަރުގެ ކުރިން ބަދަލުކުރަންޖެހެއެވެ.

އެފަދަ ތަންތަން ހިންގުމަށް މި އިޞްލާޙަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ އެ މުއްދަތު ހަމަވަންދެން ދެމިއޮންނާނެކަމުގައި ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް