ރައީސް އަމީންގެ ވެރިކަން ނިމުނު ގޮތުގެ މައުލޫމާތު ހިއްސާކުރަން އާންމުންނަށް ހުޅުވާލައިފި

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް --- ސަން ފައިލް ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށުމީނާ ކިލެގެފާނުގެ ވެރިކަން ނިމުނު ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ.

އެ އޮފީހުން ނެރެފައިވާ އިއުލާނެއްގައި ވަނީ ރައީސް އަމީންގެ ވެރިކަން ނިމުނުގޮތް ސާފުނުވާކަމަށެވެ.

އެހެންކަމުން އެމަނިކުފާނުގެ މައްޗަށް ކުރެވުނު ދައުވާގެ ސީޣާ ސާފުވެފައިނެތުމާއ،ި ކުރެވުނު ޝަރީއަތުގެ ޞައްޙަ މަޢުލޫމާތު ލިބިފައިނުވާތީއާއި، އެމަނިކުފާނަށް ކުރި ކަމަށް ބުނާ އަނިޔާތަކަކީ ކޮބައިކަމާއ،ި އަނިޔާކުރި މީހުންނާއި، އެ މީހުންނާ މެދު އެއްވެސް ޝަރީޢަތެއް ކުރެވުނުކަން ސާފުވެފައިނުވާތީ، އެކަންކަމުގެ ހަގީގަތް ހޯދައިދިނުމަށް އެ އޮފީހަށް ހުށަހެޅި މައްސަލާގައި އެދިފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ އެ ހާދިސާއަކީ ގިނަ ދުވަސްވެފައިވާ ހާދިސާއަކަށްވެފައި މައްސަލައާގުޅޭ މައުލޫމާތު ހޯދުމަށް އެ އޮފީހުން ކުރިއަށް ގެންދާ ދިރާސާއަށް އާންމުންގެ އެހީތެރިކަން ބޭނުންވާކަމަށެވެ.

އެހެންކަމުން އެކަމާ ގުޅިގެން މައުލޫމާތު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ އިންޓަވިއުތަކަށާއި ތަޙުޤީޤަށް މަޢުލޫމާތު ދެއްވޭނެ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް އެމީހެއްގެ މައުލޫމާތު އެ އޮފީހާ ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

ހިއްސާ ކުރުމަށް އެދިފައިވާ މައުލޫމާތުތައް

ފުރިހަމަ ނަން

އައިޑީ ކާޑު ނަންބަރު

ގުޅޭނެ ނަންބަރު

ދާއިމީ އެޑްރެސް

އީމެއިލް އެޑްރެސް

އެ ހާދިސާގެ މައުލޫމާތުދެވިދާނެ ހައިސިއްޔަތު ނުވަތަ މައުލޫމާތު އެނގޭގޮތް ވެސް ހިއްސާކޮށްދިނުމަށް ވަނީ އެދިފައެވެ.

comment ކޮމެންޓް