ދިވެހި ރުފިޔާގެ ރަސްމީ ނިޝާން އިފްތިތާހުކޮށްފި

ދިވެހި ރުފިޔާގެ ނިޝާން ---

ދިވެހި ރުފިޔާގެ ރަސްމީ ނިޝާން އިފްތިތާހުކޮށްފިއެވެ.

މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ނިޝާން އިފްތިތާހުކޮށްދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއެވެ.

އެމްއެމްއޭއިން އެ ނިޝާން ފަރުމާކުރުމަށް މިދިޔަ އަހަރުގެ ޖަނަވަރީ މަހު ވަނީ 20،000 ރުފިޔާގެ މުބާރާތެއް އިއުލާނުކޮށްފައެވެ. 70 އަށް ވުރެ ގިނަ ޕްރޮޕޯސަލް އެ މުބާރާތަށް ލިބުނު އިރު އެންމެ މޮޅު ނިޝާނެއް ހޮވީ ހާއްސަ ޖަޖުންގެ ޕެނަލަކުންނެވެ.

ރުފިޔާގެ ރަސްމީ ނިޝާނެއްގެ ގޮތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ތާނައިގެ ރާ އަކުރުގެ މެދުން އިތުރު ރޮނގެއް ދެމުމުން އިންނަ ގޮތަށް ފަރުމާކޮށްފައިވާ ނިޝާނެކެވެ.

އެމްއެމްއޭއިން ބުނީ ދެން ނެރޭ ރުފިޔާގެ ނޫޓުތަކުގައި އެ ނިޝާން ބޭނުން ކުރާނެ ކަމަށެވެ.

ލިޔުމުގައި އެ ނިޝާން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ހިސާބު އަކުރުގެ ފަހަތަށެވެ.

ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރި ހަސަން ޝުޖާއު

އެ ފަރުމާ ހުށަހެޅި ހަސަން ޝުޖާއު ބުނީ، އެކަން ކުރުމުގައި ބޮޑަށް ވިސްނީ ވީހާވެސް އަމިއްލަވަންތަ ގޮތަކަށް، ދުނިޔޭގެ އެހެން ނިޝާންތަކާ އެއްގޮތްވާނެ ސިފަތަކަކާއެކު ފަރުމާ ގެނައުމަށް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ޑިޖިޓަލްކޮށް އެ ނިޝާން ބޭނުން ކުރެވޭނެ ގޮތް ފަހިވުމަކީ އޭގެ ބޭނުން ހިފާ މިންވަރު އިތުރުކުރުމަށްޓަކައި މުހިއްމު ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަން ކޮންމެސް ދުވަހަކުން މި ނިޝާން ބައިނަލްއަގުވާމީކޮށް ބަލައިގަނެވޭނެކަމަށް. އެއީ ރުފިޔާގެ ނިޝާނަށް ހާއްސަ ޔުނިކޯޑެއް އުފައްދައިގެން" ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ނިޝާން ދިވެހީންގެ އާންމު ދިރިއުޅުމުގައި ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަަމަށެވެ.

comment ކޮމެންޓް