ކޮލަންބޯ (3 ޖުލައި 2022): އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން އިނދަޖެހިފައިވާ ސްރީލަންކާ އެހާލަތުން އަރައިގަތުމަށް ބޭނުންވާ ލޯންހޯދުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާއެކު ބޭއްވި މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމިއްޖެއެވެ.
"އައިއެމްއެފް"އިން ނެގުމަށް ސްރީލަންކާ މަޝްވަރާކުރަމުން ގެންދަނީ 3.5 ބިލިޔަން ޑޮލަރާއި ހަތަރު ބިލިޔަން ޑޮލަރާ ދެމެދުގެ މިންވަރެއްގެ ލޯނެކެވެ. ސްރީލަންކާގެ މީޑިއާ ބުނާގޮތުން މަޝްވަރާތައް ކޮޅެއްގައި ނުޖެހި އަދި ނަތީޖާ ނުނެރެވި ނިމުނު ނަމަވެސް މަޝްވަރާތަކާމެދު އައިއެމްއެފް ވެސް އަދި ސްރީލަންކާ ސަރުކާރުވެސް ހިތްހަމަޖެހެއެވެ. މަޝްވަރާތައް ދެން ކުރިޔަށްދާނީ ވާޗުއަލްކޮށެވެ.
"އައިއެމްއެފް"އާއެކު ކުރި މަޝްވަރާތަކުގައި ސްރީލަންކާ ސަރުކާރުގެ އެންމެ އިސްފަރާތްތަކާއި ޕާލަމެންޓްގެ ބައެއް މެންބަރުންނާއި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި ލޯކަލް ވިޔަފާރިވެރިންނާއި ސްރީލަންކާގައި ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފައިވާ ފަރާތްތަކާއި އާންމުން ތަމްސީލުކުރާ ފަރާތްތައްވެސް ބައިވެރިވެފައިވެއެވެ. ދިހަ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި މަޝްވަރާތަކުގައި "އައިއެމްއެފް"ގެ ފަރާތުން ބައިވެރިވެފައިވަނީ ފަންނީ ވަފްދެކެވެ.

އިގްތިސާދު އިނދަޖެހުމުން ސްރީލަންކާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން
"އައިއެމްއެފް" ވަފްދުން ނެރުނު ބަޔާނުގައި ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާއެކު ކުރި މަޝްވަރާތައް ބިނާވެފައިވަނީ އެގައުމަށް އިގްތިސާދީ އިސްލާހުތައް ގެނައުމާ ބެހޭ ގޮތުންކަން ފާހަގަކޮށް މިއިސްލާހުތަކާ ބެހޭގޮތުން ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރެވުނުކަމަށް ބުނެފައިވެއެވެ.
"އައިއެމްއެފް"ގެ ބަޔާނުގައި ސްރީލަންކާގެ ޓެކްސްގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުން އަވަސްކުރަން ޖެހޭކަންވަނީ ފާހަގަކޮށްފައެވެ. އަދި ބާޒާރުގައި ތަކެތީގެ އަގު އުފުލޭމިންވަރު ކޮންޓްރޯލް ކުރުމާއި ގަނެވިއްކުމުގެ ވިޔަފާރި ހަމައަކަށް އެޅުވުމާއި ސަރުކާރުގެ އިދާރީ ޚަރަދުތައް ކުޑަކުރުމަށާއި ކޮރަޕްޝަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސްރީލަންކާ ސަރުކާރަށް ވަނީ ބާރުއަޅާފައެވެ.
"އައިއެމްއެފް"ގެ ބަޔާނުގައި ސްރީލަންކާގެ ދަރަނި ވަނީ އާންމު މިންގަނޑަށްވުރެ މަތީގައިކަން ފާހަގަކޮށްފައިވެއެވެ. ލިބޭ އާމްދަނީ އާ ނުބައްދަލު މިންވަރެއްގައި ދަރަނި އޮތްކަމާއި ދަރަނި ދެއްކުމުގެ ގާބިލްކަން ސްރީލަންކާގެ އިގްތިސާދުގައި ނެތްކަމާއި ސަރުކާރުގެ ޚަރަދުތައް ބޮޑުކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.
ސްރީލަންކާ މިހާރު ވެއްޓިފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ހާލަތުން އަރައިގަތުމަށް ބޭނުންވާ އިގްތިސާދީ ބައެއް އިސްލާހުތައް ގެނައުމުގައި ސްރީލަންކާ ސަރުކާރުގެ އެއްބާރުލުން ލިބޭކަމަށް ބުނެފައިވެއެވެ. އަދި އިގްތިސާދު އިސްލާހު ކުރުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް ސްރީލަންކާ ސަރުކާރުން ކޮށްފައިވާކަންވެސް އައިއެމްއެފްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.