ފިލްމީ ދާއިރާގެ 14 އަހަރު ގޯސް އަޑެއް ނޭރުމުގެ ސިއްރަކީ ރިވެތި އަޚުލާގު: ރީކޯ މޫސަ

މަރިޔަމް ނިޝާ އާއި ރީކޯ މޫސާ މަނިކު، ލަވައަކަށް އެކްޓް ކުރަނީ: ފިލްމީ ދާއިރާގެ 14 އަހަރު ގޯސް އަޑެއް ނޭރުމުގެ ސިއްރަކީ ރިވެތި އަޚުލާގު ކަމަށް މޫސަ ވިދާޅުވި ---

ފިލްމީ ދާއިރާގައި މަސަތްކުރި 14 އަހަރު ތެރޭގައި އޭނާ އާ ބެހޭގޮތުން ގޯސް އެއްވެސް ވާހަކައެއް އިވިފައި ނުވުމުގެ ސިއްރަކީ ރިވެތި އަޚުލާގެއްގެ މަތީގައި ސާބިތުވެ، ހުރުން ކަމަށް ކުރީގެ މަޝްހޫރު ފިލްމީ ތަރި މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ފިލްމީ ދާއިރާގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަމުން އަންނަ މޫސަ މިހެން ވިދާޅުވީ ދިވެހި ފިލްމު އިންޑަސްޓްރީއާމެދު ނުބައި ނަޒަރިއްޔާތަކުން ބައެއް މީހުން ދެކޭތީ، އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި "ސަން"އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ބަލާއިރު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވަމުން އަންނަނީ ފިލްމުތަކާއި ޑްރާމާތަކާއި ދެން ވެސް އެފަދަ ވަސީލަތްތަކުން ފެންނަ މަޝްހޫރު މޫނުތަކަށެވެ. މިއުޒިޝަނުންނާއި ކުޅިވަރު ކުޅުންތެރިންނާ އަދި އެހެނިހެން ފަންނުތަކުން ފާހަގަ ކުރެވޭ ފަރާތްތަކަށް އަމާޒު ނުވާ ފާޑު ކިޔުން ފިލްމީ ދާއިރާއަށް އަމާޒުވެއެވެ.

ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި މޫސަ ވިދާޅުވީ ޒުވާނުންގެ ތެރޭގައި އުޅޭ އަޚުލާގީ މައްސަލަތައް ހައްލު ނުކުރެވި އުޅެނިކޮށް އޭގެ ތެރެއިން ބަޔަކު ފާޅުވެ، ފިލްމީ ދާއިރާއަށާއި ސަރުކާރަށާއި އަދި ކުންފުނި ތަކުގެ ވަޒީފާތަކާ ވެސް ގުޅެނީ ކަމަށެވެ.

މޫސަ ވިދާޅުވީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާއިރު، އެފަދަ މީހުންގެ ފަހަތުން ވެސް އެހެން މީހުން ބަލާނެ ކަމާއި ފާޑު ކިޔާނެ ކަމާ އަދި އުޅޭ ގޮތް އެހެން މީހުން ކޮޕީ ކުރާނެކަން ނުވިސްނި، ރައްޔިތުންގެ ކުރިމަތީގައި މުޅި ދާއިރާގެ ނަމަށް ކިލަނބުކަން އަތުވެދާނެ ފަދަ ޢަމަލުތައް ހިންގެނީ ކަމަށެވެ.

އޭގެ ނަތީއަކަށް ވަނީ މަދު ބަޔަކު ކުރާ ނުރަނގަޅު ޢަމަލަކުން އުފަންވާ ނަފުރަތާއި ނުރުހުމުގެ ބަސްތަކުން އެއްވެސް ކުށެއްނެތް ތަރިންތަކެއްގެ އަބުރު ކަތިލެވެނީކަން ފާހަގަ ކުރައްވަމުން މޫސާ ވިދާޅުވީ މާޒީގައި ކޮންމެ ގޮތަކަށް ކަންކަން ހިނގާފައި ހުއްޓަސް ފިލްމީ ދާއިރާއަށް ވަނުމަށްފަހު، ނުވަތަ އެހެންވެސް ދާއިރާއަކާ ގުޅުމަށްފަހު، އެމީހާގެ އަޚުލާގިއްޔަތު އަމިއްލައަށް ހިފެހެއްޓުން މަތީ ދެމިހުރުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރެއްވި ޒަމާނުގައި ސޯޝަލް މީޑިއާއަކީ އޮންނަ އެއްޗެއް ނޫންކަން ފާހަގަ ކުރައްވަމުން މޫސަ ވިދާޅުވީ މިހާރަކަށް އައިސް މީހާ މާބޮޑަށް މަޝްހޫރުވުމުން އެމީހުންނަށް ކެއްސެއް ދިނުމުގެ ގޮތުން ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ކަންތައްތައް ކުރަމުން އަންނަ ކަމަށެވެ.

"މިހާރަކަށް އައިސް މިވާ ގޮތަކީ ވަކި ހިސާބަކަށް އައިސް މީހާ މަޝްހޫރުވީމަ އެމީހުންނަށް ލަނޑު ދޭން ވެސް ސޯޝަލް މީޑިއާގައި ކަންތައްތައް އެބަ ކުރޭ. ހަގީގަތާ ޚިލާފު ކަންކަން ވެސް ކުރާނެ. އެޑިޓް ކޮށްގެން ވެސް ކޮށްފާނެ. ނަމަވެސް ކޮންމެ ވެސް ވަރަކަށް އެކަހަލަ ކަމެއް ކުރެވޭނީ އެމީހާގެ އުޅުމަށް ވެސް ބަލާފަ. އަޅުގަނޑު މިހިރީ ފިލްމީ ދާއިރާގައި 14 އަހަރު އުޅެފަ. ދުވަހަކުވެސް އެކަހަލަ އަޑެއް ނީވޭނެ. އެއީ އަޅުގަނޑުމެން އެވަރަށް ބަލައިގެ އުޅުނީމަ،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ދިވެހި ފިލްމީ ދާއިރާއަކީ އޭނާ ފަދަ އެތައް ބައެއްގެ ބުރަ މަސައްކަތުން ނަގާ ކޮޅަށް ޖަހާ، ވަރަށް އަބުރުވެރި ތަނެއްގެ ގޮތުގައި ބެލެހެއްޓި ތަނެއް ކަމަށާއި މިހާރަކަށް އައިސް ފިލްމު ކުޅެން އަލަށް ފަށާ ކުދިންނަށް އެކަންކަން ނުވިސްނެނީ ކަމަށެވެ.

"މުޖުތަމައުގައި ހުންނަ މައްސަލަތަކާ ބެހޭގޮތުން އަޅުގަނޑުމެން ފިލްމު ހަދަން މިޖެހެނީ. ޑްރަގާއި އެހެނިހެން ވެސް އެކިއެކި މައްސަލަތަކަށް ބިނާކޮށް ފިލްމު ހަދާއިރު ތިމާއަކީ އެ އެއްޗެއްސަށް ފާޑު ކިޔޭވަރުގެ މީހަކަށް ވުމަށް ނަސޭހަތްތެރިވަން އަޅުގަނޑު،" މޫސަ ވިދާޅުވިއެވެ.

ފިލްމުތަކުގައި ތަރިން އަދާކުރާ ރޯލްތަކަކީ އެ މީހުންގެ އަމިއްލަ ދިރިއުޅުމާ އެއްވެސް ގުޅުމެއް ހުރި ކަންކަންކަމަށް ނުވާއިރު، މޫސަ ވިދާޅުވީ އެވަރު ނުވިސްނޭ މީހުން ދައްކާ ބައެއް ވާހަކަތަކުގެ ސަބަބުން ވެސް ފިލްމު ކުޅޭ ފަރާތްތަކާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުވާ ފަހަރު އަންނަ ކަމަށާއި ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން އެހެންވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

comment ކޮމެންޓް