ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިއުރޭޑިއަންޓުގެ ސަސްޕެންޝަން އުވާލައިފިއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީން މިރޭ ނިއުގެ ސަސްޕެންޝަން އުވާލައިފައިވާކަމަށެވެ.
ނިއުގެ ސަސްޕެންޝަން އުވާލައިފައިވަނީ އެ ޓީމުން ބިދޭސީ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ ފައިސާ ދިނުމުންކަމަށް ބެލެވެއެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ނިއުގެ ކޮންގްރެސްގައި އެ ޓީމުގެ ޗެއާމަން މުޙައްމަދު ވާސިފް ވިދާޅުވީ ނިއުގެ ބިދޭސީ ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ އެފްއޭއެމްއާ ހަވާލުކޮށްފައިވާކަމަށެވެ.
އޭރު އެފްއޭއެމް އިން ބުނީ ހަފްތާއެއްގެ ތެރޭގައި އެ ފައިސާ ކުޅުންތެރިންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.
މިހާރު އެ ކުލަބުން ވަނީ އެ ކަލުބުގެ ބިދޭސީ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒްއަށް ދޭން ޖެހޭ ފައިސާ އޭނާއަށް ދީފައެވެ.
ނިއުރޭޑިއަންޓުގެ 10 ކުޅުންތެރިޔަކަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ ޖުމުލަ 3.8 މިލިއަން ރުފިޔާ ނިއުރޭޑިއަންޓުން ދައްކާފައިނުވުމުގެ ސަބަބުން އެ ޓީމު އެފްއޭމާއި އެ އެސޯސިއޭޝަންގެ ގުނަވަނަކުން ހިންގާ އެއްވެސް ކަމެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
ނިއުރޭޑިއަންޓް ސަސްޕެންޑު ކުރީ އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 14 ވަނަ މާއްދާއިން އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ސަސްޕެންޑުކުރީ މުސާރައިގެ މައްސަލަ ހައްލުކޮށް، އެ ކްލަބުން ދައްކަންހުރި ހުރިހާ ފައިސާއާއި އުޖޫރަ ދައްކައި ޚަލާސްކޮށް ނިމެންދެނެވެ.
ނިއުއިން ދިވެހި ކުޅުންތެރިންނަށް 2.4 މިލިއަން ރުފިޔާ ދޭން ޖެހެއެވެ. އަފްޣާނިސްތާނު ޑިފެންޑަރު ހާރޫން އަމީރީއަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން ކޮންޓްރެކްޓް ބާތިލްކޮށްފައިވާތީ 703،707 ރުފިޔާ ދޭން ފީފާއިން ވަނީ އަންގައިފައެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒް އަށް 511،342 ރުފިޔާ ދޭން ޖެހެއެވެ. މީގެ ތެރެއިން އަމީރީއަށް ދޭންޖެހޭ ފައިސާ ނުދޭހާ ހިނދަކު، އެ ޓީމަށް އެއްވެސް ކުޅުންތެރިއަކު ނުގަނެވޭނެއެވެ.