އެމްއެލްއެސްޑީޕީ އުވާލަން ނިންމަން ޖެހުމުން އިންތިހާއަށް ދެރަވެއްޖެ: ފުވާދު

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ޕާޓީއެއް އުވާލާ ނިންމުން ނިންމަން ޖެހުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެގޮތުގެ މަތިން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލަން ޖެހުމުން މިއަދަކީ ވަރަށް ދެރަވި ދުވަހެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އީސީން މިއަދު ވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ އަދަދަށް 3000 މެމްބަރުން ހަމަކުރުމަށް އެމްއެލްއެސްޑީޕީއަށް ދީފައިވާ މުއްދަތު ހަމަވިއިރު ވެސް އެ އަދަދަށް މެމްބަރުން ހަމަކުރެވިފައިނުވާތީ އެ ޕާޓީ އުވާލަން ނިންމާފައެވެ. އަދި އެމްއެލްއެސްޑީޕީގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް ވެސް އީސީން ވަނީ އެޕާޓީއަށް އަންގާފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅުވައިގެން ގާނޫނޫގައި ބުނެފައިވާ އަދަދަށް މެންބަރުން ހަމަ ނުކުރެވޭ ޕާޓީތައް އުވާ ނުލާ މެންބަރުން ހަމަ ކުރުމަށް އީސީން ވަނީ މުއްދަތެއް ދީފައެވެ. އެ މުއްދަތު ހަމަވީ މިމަހުގެ 14 ވަނަ ދުވަހަށެވެ.

އެމްއެލްއެސްޑީޕީ އުވާލަން ނިންމައި އެޕާޓީއަށް ނޯޓިސް ފޮނުވުމަށްފަހު، "ސަން"އާ ވާހަކަ ދައްކަވަމުން ފުވާދު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުވާލަން ޖެހުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެހެނަސް އެ ހުންނަނީ ޤާނޫނާ އެއްގޮތަށް ޢަމަލު ކުރަންޖެހޭތީ ނުކޮށް ދޫކޮށްލެވެން އޮންނަ ބާވަތުގެ ކަންކަމެއް ނޫން ކަމަށެވެ. އަދި އެއީ އީސީއަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ވެސް ފުވާދު ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީއަކަށް މެންބަރުން ހަމަ ނުކުރެވިގެން އުވާލަން ޖެހުމަކީ އަޅުގަނޑު ވަރަށް ދެރަވާ ކަމެއް. ވަރަށް ކަންބޮޑުވާ ކަމެއް. ނަމަވެސް ގާނޫނާ އެއްގޮތަށް އަޅުގަނޑުމެން އަމަލުކުރަން ޖެހޭތީވެ، އެކަން އެގޮތަށް ކުރަން ޖެހެނީ. އެއީ އަޅުގަނޑުމެންނަށް އޮންނަ އޮޕްޝަނެއް ނޫން،" ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ އެމްއެލްއެސްޑީޕީ އުވާލަން ނިންމުމާ ގުޅިގެން އެ ޕާޓީގެ ލީޑާޝިޕާ މިއަދު ބައްދަލު ކުރައްވާ، ޤާނޫނުގައިވާ ގޮތުގެ މަތިން ޕާޓީ އުވާލަން ޖެހޭ ވާހަކަ އެންގުމަށްފަހު، އެބޭފުޅުންގެ ސުވާލުތަކަށް ވެސް ޖަވާބު ދެއްވިން ކަމަށެވެ.

"ޕާޓީގެ ފޯމުތަކާ އެއްޗެހި ވެސް ވަރަށް ރަނގަޅަށް ބަލައި ޗެކް ކުރިން. ނަމަވެސް އުވާނުލާ ބޭއްވުމަކީ އަޅުގަނޑުމެންގެ އަތުގައި އޮންނަ ބާރެއް ނޫން،" ފުވާދު ވިދާޅުވިއެވެ.

ގާނޫނީ ވަކީލް އަބްދުﷲ ހަސީން އިސްކޮށް ހުންނަވާ އެމްއެލްއެސްޑީޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.

އެމްއެލްއެސްޑީޕީއަކީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާނެ ވަރަށް ޒިންމާދާރު ޕާޓީއެއް ކަމަށް އެ ޕާޓީން ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް