ސުޕަމެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ ޒިންމާދާރުގޮތެއް ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް އެހެން ވިދާޅުވީ އޭނާ ހުށަހެޅުއްވި، 'ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާބެހޭ ބިލު' ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމުމާ ގުޅިގެން ރިޔާސަތަށް ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައިވަނީ އެ ބިލު މަޖިލީހަށް ހުށަހެޅީ ރާއްޖޭގެ ގައުމީ ސަލާމަތް ރައްކާތެރިކުރުމާއެކު ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލޭފަދަ ކަންކަމާއި ނިރުބަވެރި ހަމަލާތަކުން ދިވެހި ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް ކަމަށެވެ. އަދި ނޭޝަނަލް އިންޓެލިޖެންސް ހަރުދަނާ ކުރުމާއެކު ކުއްލި ނުރައްކަލުގެ ހާލަތުގައި ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށް އެހީތެރިވެދިނުމުގެ މަގްސަދުގައި ކަމަށް ސިޓީގައި ވެއެވެ.
"އެބިލުގައި ދިވެހިރާއްޖޭގެ ގައުމީ ސަލާމަތް ދިފާއުކޮށް ރައްކާތެރި ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމާއި، ގައުމީ ސަލާމަތާބެހޭ ކައުންސިލާއި ނޭޝަނަލް އިންޓެލިޖެންސް ކޮމިޓީ އުފެއްދުމާއި، އެފަރާތްތަކުގެ ޒިންމާތަކާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ކަންކަން ކުރާނެގޮތްތައް ހިމަނާފައިވާނެ،" އާދަމް ޝަރީފްގެ ސިޓީގައިވެއެވެ.
ގައުމީ ސަލާމަތާ ބެހޭ ބިލު ފަރުމާކުރަން ފެށީ 2016 ވަނަ އަހަރު ދިވެހިރާއްޖޭގެ ސިޔާސީ މާހައުލާއި މަލްޓިޕާޓީ ޑިމޮކްރަސީގެ ޅަފަތުގައި ކުރެވެމުންދިޔަ ތަޖުރިިބާތަކަށް ރިއާޔަތްކޮށްގެން ކަމަށް ސިޓީގައިވެއެވެ.
ސިޓީގައި ބުނީ ބިލު އެކުލަވާލާފައިވާނީ އޭރު ރާއްޖޭގެ އަސްކަރިއްޔާގައި ތިއްބެވި ގާނޫނީ ވަކީލުންގެ އިސްނެންގެވުމާއެކު، ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ގައުމީ ސަލާމަތާބެހޭ ގާނޫނުތައް ދިރާސާ ކޮށްގެން ކަމަށެވެ. އަދި އެ ބިލަށް ދިވެހި ފުލުހުންގެ ލަފާ ހޯދައިފައިވާނެ ކަމަށް ވެސް ސިޓީގައިވެއެވެ.
އޭގެ ފަހުން މިދިޔަ އަހަރު އެ ބިލު މުރާޖައާކޮށް ބިލަށް ބަދަލު ގެނެސްފައި ވާނީ ސަރުކާރުގެ މުއައްސަސާތަކަށް އިދާރީ ބޮޑެތި ބަދަލުތަކެއް ނުގެނެސް ގައުމީ ސަލާމަތާ ބެހޭ ކަންކަން ތަރުތީބު ކުރެވޭނެ ގޮތުގެ މަތިން ކަމަށް ވެސް ސިޓީގައިވެއެވެ.
"ގައުމީ ސަލާމަތާބެހޭ ބިލު ރާއްޖޭގެ އެއްވެސް ގާނޫނަކާ ތައާރުޒެއް ނުވޭ. އަދި ބިލަށް ވާހަކަ ދެއްކެވި އެއްވެސް މެންބަރަކު ބިލުގައި މައްސަލައެއް ހުރިކަމަށް ފާހަގަ ކުރައްވާފައެއް ނުވޭ،" ސިޓީގައި ހަގަކޮށްފައިވެއެވެ.
އެ ސިޓީގައި ވަނީ ގައުމީ ސަލާމަތާބެހޭ ބިލެއް ބޭނުންވާކަން ގިނަ މެންބަރުން ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ނެޝެނަލް އިންޓެލިޖެންސް މިހާރަށްވުރެ ހަރުދަނާ ކުރެވުނީސް ކަމަށް ވެސް ސިޓީގައިވެއެވެ.
ނަމަވެސް، އެއްވެސް އަސާސެއް ނެތި، ގައުމީ ސަލާމަތާ ބެހޭ ބިލު ބަލައިނުގަތުމަށް ވެރިކަން ކުރާ ޕާޓީގެ އަޣުލަބިއްޔަތުން ނިންމުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ހަމަތަކާ ބީރަށްޓެހި، ސަރުކާރާ ވާދަވެރި މެންބަރުންގެ އަޑު ކަނޑުވާލުމަށް ހިންގާ ނާތަހުޒީބު އަމަލެއް ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
"ރޫލިން ޕާޓީގެ ޕާލަމަންޓަރީ ގްރޫގެ ލީޑާޝިޕަށް ގެނައި ބަދަލުތަކާއެކު، މިހާރަކަށް އައިސް ރައްޔިތުން ކަންބޮޑުވާ ބޮޑެތި މައްސަލަތައް ބަލައިނުގަންނަކަން ހިތާމައާއެކު ފާހަގަ ކުރަން،" ސިޓީގައި ވެއެވެ.
އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ އަދާކުރަން ހުރަސްއެޅޭ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ އެ ބިލު ބަލައިނުގަންނަން އެމްޑީޕީ ޕީޖީން ނިންމި ނަމަވެސް އެ ޕާޓީގެ ބައެއް މެންބަރުން ބިލާ ބެހޭ ގޮތުން ބިނާކުރަނިވި ވާހަކަފުޅުތަކެއް ދައްކަވާފައިވާ ކަމަށެވެ. އަދި ޚާއްސަކޮށް އެ ބިލު ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދެއްވައި، ބަހުސްގެ މަރުހަލާ އެކަށީގެންވާގޮތެއްގައި ވިލަރެސް ކޮށްދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އާދަމް ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެމްޑީޕީގައި މިހާރު ވަނީ ޚިޔާލު ތަފާތުވުންތައް އުފެދި، ރައީސް ނަޝީދަށް ތާއިދު ކުރާ ފެކްޝަނަކާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ތާއިދު ކުރާ ފެކްޝަނެއް އުފެދިފައެވެ. އެގޮތުން މިދިޔަ މެއި މަހު އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޭއްވި އިރާއި ކޮންގްރެސްއާ ދިމާކޮށް ވެސް ދެ ފެކްޝަނަށް ނިސްބަތްވާ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވެއެވެ.