މޯލްޑިވިއަންގެ ދަތުރުތަކުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ގޮވާލާ މައްސަލަ އަނެއްކާވެސް ބޭރުކޮށްލައިފި

މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދް--- ފޮޓޯ/ މަޖިލިސް

އައިލެންޑް އޭވިއޭޝަން ސާވިސެސްއަށް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން ގައުމީ އެއާލައިން މޯލްޑިވިއަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި މައްސަލަ ދެވަނަ ފަހަރަަށް ވެސް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދެވެ.

އިއްޔަގެ ޖަލްސާގައި ވެސް މެންބަރު ވަނީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް މަޖިލީހުން ނިންމާފައިވެއެވެ.

މިއަދުގެ ޖަލްސާގައި އެ މައްސަލަ ބޭރުކޮށްލާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 19 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.

މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ހާލަތު ބޮއްސުންލައި ކުންފުނީގެ ހާލަތު މިއިން ޒަމާނަކުވެސް ދަށަށް ނުދާހާ ދަށަށް ގޮސް ބަނގުރޫޓުވުމާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

''އައިލެންޑް އޭވިއޭޝަންގެ ހިންގުން ބޮއްސުންލައި އެ ކުންފުނީގެ މާލީ ހާލަތު ދުވަހަކު ދަށަށް ނުދާވަރަށް ދަށަށް ގޮސް ކުންފުނި ބަނގުރޫޓުވުމާ ހަމައަށް ގޮސްފި. އަދި 2020 ވަނަ އަހަރު ކުންފުންޏަށް 400 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް އޮޑިޓް ރިޕޯޓުތަކުން ދައްކާ. މިދިޔަ އަހަރު 159 މިލިއަން ރުފިޔާގެ ގެއްލުންވެފައިވޭ،'' ސައީދު ވިދާޅުވިއެވެ.

އޭގެ އިތުރުން މިހާރު އެތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް މުސާރަ ދެނީ މިނިސްޓްރީން ލޯނު ނަގައިގެން ކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ފަހަކަށް އައިސް މޯލްޑިވިއަންގެ މަތިންދާބޯޓުތަކުގައި ޓެކްނިކަލް މައްސަލަތައް ވެސް އިތުރުވެފައިވާ ކަމަށާއި މަތިންދާބޯޓުގެ ޓަޔަރުތައް ވެސް ބަދަލުކުރަން ޖެހޭ މުއްދަތަށް ބަދަލުނުކޮށް ބައެއް ބޯޓުތަކަށް ސްޕެއާ ނުލިބި ގްރައުންޑް ކުރަން ޖެހިފައިވާ ކަމަށެވެ.

އެކަންކަމުން ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމުގެ ގޮތުން މޯލްޑިވިއަންގެ މަތިންދާބޯޓުތަކުގައި ހުންނަން ޖެހޭ ސަލާމަތީ މިންގަނޑުތައް ހިފެއްޓުމުގެ ގޮތުންނާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލުމަށް މައްސަލަ ހުށަހެޅުއްވީ ކަމަށް ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް