އަނދުން ހުސައިންގެ މައްސަލައެއް އެމްޑީޕީ ޕީޖީއަކުން ނުބަލާ

އެމްޑީޕީ ޕީޖީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެންވޭރު ދެކުުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަރަހަނާކޮށް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލުމާ ގުޅޭ އެއްވެސް މައްސަލައެއް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ނުބަލާ ކަަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް "ސަން"އަށް ވިދާޅުވީ އަނދުން ހުސައިންގެ އެކަހަލަ އެއްވެސް މައްސަލައެއް އެމްޑީޕީ ޕީޖީ އަކުން ނުބަލާ ކަމަށާއި އެކަހަލަ އެއްވެސް މައްސަލައެއް ޕީޖީއަށް ހުށަހަޅާފައެއް ވެސް ނެތްކަމަށެވެ.

"މެންބަރު ހުސައިންގެ އެއްވެސް އެކަހަލަ މައްސަލައެއް ނެތް ޕީޖީ އަކަށް ލިބިފައެއް. އެހެންވީމަ ޕީޖީއަށް ބަލަން ހުށަނާޅާ މައްސަލައެއް އަޅުގަނޑުމެންނެއް ނުބަލާނެ ދެއްތޯ،" އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޮންމެ ކަހަލަ މައްސަލައަކަށް ވިނަމަވެސް އެކަމެއް ބެލޭނީ ޕީޖީއަށް އެ މައްސަލައެއް ހުށަހެޅުމުން ކަމަށެވެ.

އަނދުން ހުސައިން ކަމަށް ތުހުމަތުކުރެވޭ މީހަކު ބަރަހަނާކޮށް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނީ މިދިޔަ ހުކުރުދުވަހުގެ ރޭގައެވެ. އެކަމާ ގުޅިގެން އޭނާގެ އެއްވެސް ބަހެއް ލިބިފައިނުވާއިރު، ފުލުހުން ވަނީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލް އަޙްމަދު ނާޒިމް އަބްދުއްސައްތާރު، ކަމަށް ތުހުމަތު ކުރެވޭ މީހަކު ބިދޭސީ ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ ހުކުރު ދުވަހު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.

އެންމެ ފަހުން ދައުރުވާން ފަށާފައިވަނީ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ފޮޓޯއެކެވެ.

މިކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ, ބްލެކްމެއިލްކުރުމުގެ މައްސަލަތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ މާޗް މަހުގެ ފަހުކޮޅުގައި ކަމަށެވެ.

މިހާރު ވެސް އެ ބާވަތުގެ ވީޑިއޯތަކެއް އާންމުވަމުން އަންނަކަން ފާހަގަކުރައްވައި ރިޔާޒު ވިދާޅުވީ, އެކަމުގެ އަޑީގައި ފަރުދާވެގެން ބަޔަކު ތިބި ކަމަށެވެ.

"މި މައްސަލައިގައި އަޅުގަނޑުމެން ވީޑިއޯތަކާ ގުޅޭ ގޮތުން މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކެއް ދެނެގަނެވިފައިވަނީ. އެ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ ތަހުގީގުތައް އެބަ ހިނގަމުންދޭ," ކްރިމިނަލް އިންވެސްޓިގޭޓިވް ކޮމާންޑްގެ ހެޑްގެ ގޮތުގައި ވެސް ހުންނެވި ރިޔާޒު ވިދާޅުވިއެވެ.

ވިޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ އަޑީގައި ތިބި މީހުން ހޯދުމުގެ މަސައްކަތުގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގާ މައްސަލަ ވެސް ފުލުހުން ބަލަމުން އަންނަކަން ރިޔާޒު ވިދާޅުވިއެވެ.

އެފަދަ ފޮޓޯއެއް ނުވަތަ އެފަދަ ވީޑިއޯއެއް ބޭނުންކޮށްގެން ބިރުދެއްކުމުގެ އަމަލެއް ހިންގާ ނަމަ އެކަން ފުލުހުންނަށް ރިޕޯޓް ކުރަން ފަސް ނުޖެހުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް