ޕީކޭ އާ ލޯބިވެރިޔާއާއެކު ރާއްޖޭގައި

ޖެރާޑް ޕީކޭ އާ ލޯބިވެރިޔާއާއެކު--

މަޝްހޫރު ލަވަކިޔުންތެރިކާ ޝަކީރާގެ ކުރީގެ ލޯބިވެރިޔާ، ފުޓުބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭ، އޭނާގެ އާ ލޯބިވެރިޔާއާއެކު ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

އުމުރުން 45 އަހަރުގެ ޝަކީރާއާއި 35 އަހަރުގެ ޕީކޭގެ 11 އަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް އައީ މިމަހުގެ ތެރޭގައެވެ. އެ ގުޅުމަށް ދެ ކުދިން ވެސް ވަނީ ލިބިފައެވެ. ނަމަވެސް ކައިވެނި ކޮށްފައެއް ނުވެއެވެ.

ޕީކޭއަށް ތުހުމަތު ކުރެވެނީ ޝަކީރާއަށް ބޭވަފާތެރިވީ ކަމަށެވެ. އޭގެ ފަހުން އެ ދެ މީހުން ވަނީ އެ ލޯބީގެ ގުޅުން ނިމުމަކަށް އައިކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ބާސެލޯނާގެ ކުޅުންތެރިޔާ، ޕީކޭ ޗުއްޓީއަށް ރާއްޖެ އައިސްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ޗުއްޓީ ހޭދަ ކުރަމުން އަންނަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ.

ޕީކޭ ވަނީ 2020 ވަނަ އަހަރު ޝަކީރާއާއި ދެ ދަރިންނާއެކު ވެސް އެ ރިސޯޓްގައި ޗުއްޓީ ހޭދަކޮށްފައެވެ.

މި ޗުއްޓީ ދަތުރާ ގުޅޭ އެއްވެސް ޕޯސްޓެއް ޕީކޭ މިހާތަނަށް ސޯޝަލް މީޑިއާގައި ކޮށްފައެއް ނުވެއެވެ. އަދި އޭނާގެ އާ ލޯބިވެރިޔާގެ މައުލޫމާތު ވެސް ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެއެވެ.

ބޭރުގެ ނޫސްތަކުން ބުނާ ގޮތުން ޕީކޭގެ އާ ލޯބިވެރިޔާއަކީ 22 އަހަރުގެ މޮޑެލްއެކެވެ. އޭނާއާ ގުޅޭ މާ ގިނަ މައުލޫމާތެއް ނޫސްތަކުގައެއް ވެސް ނެތެވެ.

ޝަކީރާ އާއި ޕީކޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފައިވަނީ 2011 ވަނަ އަހަރުގައެވެ. އެއަށްފަހު ދެމީހުން އެކީގައި އުޅެން ފެށިއިރު ދެމީހުންނަށް ފުރަތަމަ ދަރިއެއް ލިބުނީ 2013 ވަނަ އަހަރުގައެވެ. ފުރަތަމަ މިލާން ލިބުނު އިރު ދެމީހުންނަށް ސާޝާ ލިބުނީ 2015 ވަނަ އަހަރުގައެވެ. އެ ދެ މީހުންގެ ލޯބީގެ ގުޅުން ނިމުމަކަށް އައުމަކީ ގިނަ ފޭނުންނަށް ލިބުނު ހިތްދަތި ކަމެކެވެ.

comment ކޮމެންޓް