ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރުމުގައި މުހިންމު ބަދަލުތަކެއް ގެނެވިއްޖެ: އޭސީޕީ ރިޔާޒް

"ވައިލެންސް އަގެއިންސްޓް ޗިލްޑްރަންސް ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން ކޮންފަރެންސް'' ފެށުމަށް ބޭއްވި ރަސްްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވާހަކަ ދައްކަވަނީ--- ފޮޓޯ/ ފުލުހުން

ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ކުޑަކުދިންގެ މައްސަލަތަކާ ގުޅުންހުރި ކަންކަން ތަހުގީގުކުރުމުގައި މުހިންމު ބަދަލުތަކެއް ގެނެވިއްޖެކަމަށް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ "ވައިލެންސް އަގެއިންސްޓް ޗިލްޑްރަންސް ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން ކޮންފަރެންސް'' ފެށުމަށް ބޭއްވި ރަސްްމިއްޔާތުގައި އިއްޔެ ވާހަކަ ދައްކަވަމުން ރިޔާޒް ކުޑަކުދިންގެ ހައްގުތަކާބެހޭ ގާނޫނަށް ފުލުހުން އަހުލުވެރިކޮށް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ މާހައުލަށް ގެނެވުނު ބަދަލުތަކުން ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގުކޮށް ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށް ނިންމާ މިންވަރު އަވަސްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރިޔާޒް ވިދާޅުވީ ކުށްކުރާ މީހުންނަށް ފިޔަވަޅު އެޅުމުގެ އިތުރުން ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާއާއި ގޯނާ ހުއްޓުވައި ކުޑަކުދިން ހިމާޔަތްކުރުމަށް އިތުރަށް ކުރަންވީ ކަންކަން ދެނެގަނަން ޖެހޭކަމަށެވެ.

"އާއިލާތައް ހޭލުންތެރިކުރުމާއެކު، އެކުދިން އަނިޔާއަށް ހުށަހެޅޭ ދޮރުތައް ބަންދުކުރަންޖެހޭ" އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވިއެވެ.

ކުޑަކުދިންނަށް ކުރާ ގޯނާ ހުއްޓުވުމާ ބެހޭ ކޮންފަރެންސެއްގައި ކުޑަކުދިންގެ ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަމާ ފުޅާ ދާއިރާއެއްގައި ވާހަކަ ދެއްކެވެން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ ކުޑަކުދިންނަށް ދިމާވާ މައްސަލަތަކުގެ ސަބަބުތަކަކީ ކޮބައިތޯ ބަލައި އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެކުދިންނަށް ބޭނުންވާ އަމާން މާހައުލެއް ހޯދައިދިނުމަށްޓަކައި ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކުން ވާހަކަދައްކަންޖެހޭކަމަށެވެ.

comment ކޮމެންޓް