އެމްޓީސީސީން އިތުރު 150 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލަނީ

އެމްޓީސީސީ ހުނަވަރު ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓިފިކެޓު ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަންނަ ހަފުތާ ނިމުމުގެ ކުރިން އެމްޓީސީސީން އިތުރު 150 އަށްވުރެ ގިނަ ވަޒީފާ އިއުލާނު ކުރާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ ހުނަވަރު ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓިފިކެޓު ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ވަޒީފާއަށް ކުރިމަތިލާ ބައެއް މުއައްޒަފުން ވަޒީފާގައި ދެމިހުރުމަށާއި ވަޒީފާގެ ކުރިއެރުން ހޯދުމަށް މަސައްކަތް ނުކުރާކަން ފާހަގަކުރެވޭކަމަށެވެ.

"ގާތްގަނޑަކަށް 60 ވަރަކަށް މުވައްޒަފުން އަޅުގަނޑުމެން ނެގިން ކުޑަގިރި ޕްރޮޖެކްޓަށް. އެކަމަކު އަޅުގަނޑުމެނަށް ދެތިން ހަފުތާވެގެން ދިޔައިރުގަ ހަތް މުވައްޒަފުން އަޅުގަނޑުމެންގެ ކައިރީގައި މަޑުކޮށްގެންތިބީ،" އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީ ހުނަވަރު ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓިފިކެޓު ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އާޒިމް ވިދާޅުވީ އެ މުވައްޒަފުންނަށް ރަނގަޅު މުސާރައިގެ އިތުރުން ކެއުމާއި ބުއިން އަދި ނިދާނެ ރަނގަޅުތަނެއް ކުންފުނީގެ ފަރާތުން ފޯރުކޮށްދިންކަމަށެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތް ކާމިޔާބު ވާނީ އަޅުގަނޑު ދެކޭގޮތުގައި މުވައްޒަފުން އަދި މުވައްޒަފުންގެ އައިލާތަކުން ވެސް ކޮންމެ މަސައްކަތަކީ ވެސް ރީތި މަސައްކަތެއްކަމަށް ގަބޫލުކުރުމުން. އެކި މީހުން ކުރާނީ އެކި މަސައްކަތް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ އެމްޓީސީސީން ކުށުގެ ރިކޯޑަށް ނުބަލާ ވަޒީފާދެނީ މުޖުތަމައުގެ އެކި ކަންކަމުގެ ތެރެއަށް ގެއްލިފައިވާ ޒުވާނުންނަށް އާ ހަޔާތެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.

މިއަދު ބޭއްވި ޖަލްސާގައި އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމްގައި ބައިވެރިވި 52 ބައިވެރިންނަށް ވަނީ ސެޓިފިކެޓު ދީފައެވެ. އޭގެ ތެރޭގައި ހަތަރު އަންހެން ބައިވެރިން ހިމެނެއެވެ.

ހުނަވަރު ޕްރޮގްރާމްގައި ބައިވެރިއަކަށް ސެޓްފިކެޓް ދެނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ ޕްރޮގްރާމްގައި އުޅަނދުފަހަރު ދުއްވަން ދަސްކުރުމާއި އެކަމަށް ބޭނުންވާ ލައިސަންސް ހޯދުމާއި އެފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމާއި ޓެކްނިކަލް ސްކިލްސް ދަސްކޮށްދިނުމުގެ އިތުރުން ސައިޓްތަކުގައި މުވައްޒަފުން ބަލަހައްޓާނެ ގޮތްތައް ވަނީ ބައިވެރިންނަށް ދަސްކޮށްދީފައެވެ.

comment ކޮމެންޓް