ކެރިއާ ގައިޑެންސް އާއެކު، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދެވަނަ ޓާމުގެ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޓާމުގައި 89 ކޯހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ކޯސްތަކަށް ޖުމުލަ 5615 ޖާގައަށް ކުދިން ނަގާނެއެވެ.
އެމްއެންޔޫއިން ކެރިއާ ގައިޑެންސް ކުރިއަށް ގެންދަނީ މިއަދު ހަވީރު 4:00އިން 6:00 އަށް އަދި މިރޭ 8:00 އިން 10:00 އަށެވެ.
އެގޮތުން ކޮންމެ ފެކަލްޓީއަކުން ވަކި ސްޓޯލެއް ޚާއްސަކޮށް، އެ ފެކަލްޓީއަކުން ހެދިދާނެ ކޯސްތަކާ ބެހޭގޮތުން ގައިޑެންސް ދޭނެއެވެ. އަދި ފޯމު ފުރުމަށް އެހީތެރިވެދޭނެއެވެ.
އެމްއެންޔޫ އޯގަސްޓް އިންޓޭކްގެ ކޯސްތަކަކީ، އެ ޔުނިވާސިޓީގެ 11 ފެކަލްޓީގެ ތެރެއިން، ސްކޫލް އޮފް މެޑިސިން ފިޔަވައި އެހެން ހުރިހާ ފެކަލްޓީތަކެއްގައި ކިޔަވައިދެމުންދާ، ސެޓްފިކެޓް ލެވެލް ތިނަކުން ފެށިގެން މާސްޓާސް ޑިގްރީއާ ހިސާބަށް ކުރިއަށް ގެންދާ ކޯސްތަކެކެވެ.
އެހެންކަމުން ޕީއެޗްޑީ ފިޔަވައި، އެހެން ހުރިހާ ލެވެލްއެއްގެ ކޯސްތައް މި އިންޓޭކްގައި ހިމެނޭނެއެވެ.
ކޯސްތަކަށް ކުދިން ނަގަނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް ވިޔަސް، ނާސިން ފަދަ ބައެއް ކޯސްތަކަށް ކުދިން ނަގަން ހަމަޖެހިފައި ވަނީ މެރިޓް އުސޫލުންނެވެ.
މި ޓާމުގައި އަލަށް ފަށާ ދެ ކޯހުގެ ތެރެއިން، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ހަޔާ އެޑިއުކޭޝަން ހާއްސަ ކޮށްފައި ވަނީ އެމްއެންޔޫގެ ސްޓާފުންނަށް ކަމަށްވީ ނަމަވެސް، އެ ކޯހަށް ވެސް އާއްމުކޮށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އެ ކޯހަކީ ހަޔާ އެޑިއުކޭޝަން ދާއިރާގައި މަސައްކަތް ކުރާ، ޓީޗިން ބެކްގްރައުންޑް ނެތް މީހުންނަށް ހާއްސަކޮށްފައިވާ ކޯހެކެވެ.
އެމްއެންޔޫއިން މިފަހަރު އަލަށް ފަށާ ދެވަނަ ކޯހަކީ އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީއެވެ.
އަންނަ މަހުގެ 28ގެ ނިޔަލަށް ކޯސްތަކަށް ފޯމު ހުށަހެޅޭނެއެވެ.
އެމްއެންޔޫގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް 14 ވަނަ ދުވަހުއެވެ.
ކޯސްތަކަށް ވަނުމަށް އެދި ޕޯޓަލް މެދުވެރިކޮށް އަދި އެމްއެންޔޫއަށް ގޮސްގެންވެސް ފޯމު ހުށަހެޅޭނެއެވެ.