ޤައުމީ ޔުނިވާސިޓީގެ 'ތެވެލި' މަހާސިންތާ އޯގަސްޓު މަހު ބާއްވަނީ

"އެމްއެންޔޫ ފަހި ފުރުސަތު" ޖޮބް ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީން، ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ބާއްވާ ފަސްވަނަ ތެވެލި ބައިނަލްއަޤުވާމީ މަހާސިންތާ އޯގަސްޓް މަހު ބޭއްވުމަށް ނިންމައިފިއެވެ.

މި މަހާސިންތާ އޮންނާނީ އޯގަސްޓް 22 އަދި 23ގައެވެ.

މި އަހަރުގެ މަހާސިންތާ ހާއްސަކުރެވިފައި ވަނީ ޤައުމު ބިނާކުރުމަށްޓަކައި ކުރެވޭ ދިރާސާތަކުން ކަމަށް އެ ޔުނިވާސިޓީއިން މައުލޫމާތުދެއެވެ.

މި މަހާސިންތާއަކީ ތަފާތު އެކި ޑިސިޕްލިންތަކުން ޢިލްމީ ދިރާސާ ހުށަހެޅުމަށް ދުނިޔޭގެ އެކިގައުމުތަކުގެ ސުކޮލަރުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރެންސްއެވެ.

މި ކޮންފަރެންސްގެ އެންމެ މުހިންމު މަގުސަދަކީ، ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަކީ ޢިލްމު އުފައްދާ، ޢިލްމު ކުރިއަރުވާ ޔުނިވާސިޓީއަކަށް ވުމެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއަށް ބޭނުންވާ ޢިލްމީ ދިރާސާތައް ކުރުމާއި ޤައުމީ މުހިންމު ނިންމުންތައް ނިންމުމުގައި އިލްމީ ދިރާސާގެ އަލީގައި ގައުމާ ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދިނުމާއި ޑޮކްޓަރު އޮފް ފިލޯސޮފީ ހަދަމުންވާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެހީތެރިވުމެވެ.

ޔުނިވާސިޓީގެ ރިސާޗް ޑިވޮލޮޕްމަންޓް އޮފީހުން ރާވައިގެން ކުރިއަށް ގެންދެވޭ މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ ޔުނިވާސިޓީތަކުގެ ޕްރޮފެސަރުންނާއި ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދިފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދާފައިވާ ހޯދުންތައް މި ކޮންފަރެންސްގައި ކުރިއަށްދާ އެކި ސެޝަންތަކުގައި ހުށަހަޅާނެއެވެ.

comment ކޮމެންޓް