ދިވެހިރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ: ނަޝީދު

ރައީސް މުޙައްމަދު ނަޝީދު-- ސަން ފައިލް ފޮޓޯ

ދިވެހިރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައިވަނީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ މެންބަރުންނަށާއި ޕާޓީއަށް ތާއިދުކުރާ މީހުންނަށް ފޮނުއްވާފައެވެ.

''ދިވެހިރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ، ޚާއްޞަކޮށް ޓެކްސްގެ ނިޒާމެއް ތައާރަފުކޮށް ދައުލަތުގެ އާމްދަނީ އިތުރުކޮށް، ރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނީ އެމްޑީޕީ،'' ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އެމްޑީޕީ މަޖިލިސް ކެމްޕޭން ތެރޭގައި ރައީސް ނަޝީދު ވަނީ ރާއްޖެއަށް ޓެކްސްގެ ނިޒާމެއް ގެނެސްދެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިންކަމް ޓެކްސް ތައާރަފްކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެއްގެ އިތުރުން، އެމްޑީޕީގެ "މަޖިލިސް 19" ކެމްޕޭންގެ ވައުދެކެވެ.

ރާއްޖެއަށް އިންކަމް ޓެކްސް ތައާރަފް ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޑިސެމްބަރު 2019ގައެވެ. އެއީ އެޖަލްސާގައި ބައިވެރިވި 70 މެންބަރުންގެ ތެރެއިން 67 މެންބަރުންގެ އަޤްލަބިއްޔަތާއެކުގައެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ނަޝީދު އަމިއްލަފުޅަށް ވިދާޅުނުވި ނަމަވެސް، ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ، މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވަނީ އެ އިންތިޚާބުގައި އޭނާ ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙް ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

އެމްޑީޕީ ހިންގުމުގައި ރައީސް ނަޝީދު އިސްކޮށް ހުންނެވި ނަމަވެސް އެ ޕާޓީގައި ދެ ފެކްޝަނެއް ވަނީ އުފެދިފައެވެ. އެގޮތުން ރައީސް ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އެއް ފެކްޝަންގައި ތިއްބެވި އިރު އަނެއް ފެކްޝަނުގައި ތިއްބެވީ ރައީސް ޞާލިޙަށް ތާއިދު ކުރައްވާ މެންބަރުންނެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޚިޔާލު ތަފާތުވުން އޮތް ކަމުގައިވީ ނަމަވެސް މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުންކަމަށެވެ.

comment ކޮމެންޓް