އަބާރަނަ 1443: 22 އަހަރަށް ފަހު މަޑުއްވަރީން ބޮޑުމަސް ނެރެނީ

ރ. މަޑުއްވަރީގައި މީގެ ކުރިން އީދު ފާހަގަ ކުރުމުގެ ތެރެއިން--- ފޮޓޯ/ މަޑުއްވަރީ އީދު ކޮމިޓީގެ ރައީސް ހަސަން ޝިހާމް

މި އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ރ. މަޑުއްވަރީގައި 'އަބާރަނަ 1443'ގެ ނަމުގައި ކުލަގަދަކޮށް ޢީދު ކުޅިވަރު ކުޅުމަށް ނިންމައިފިއެވެ.

މަޑުއްވަރީގެ ޢީދު ކޮމިޓީގެ ރައީސް ޙުސައިން ޝިހާމް ވިދާޅުވީ ޢީދުގެ ފަސް ދުވަސް މިއަހަރު ފާހަގަ ކުރާނީ ވަރަށް ކުލަގަދަކޮށް ކަމަށެވެ. އެގޮތުން 22 އަހަރަށް ފަހު ބޮޑު މަސް ދުއްވުމުގެ ކުޅިވަރު ކުޅެން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށުގައި ކުޅުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި މާލި ނެރުމާއި، ކާޓޫން ކެރެކްޓާތަކުގެ ހަރަކާތް ދައްކާލުމާއި، ތަފާދު އެކިއެކި ޑްރާމާ ކުޅުމުގެ އިތުރުން މުޅި ރަށަށް ހުޅުވާލައިގެން މަސް ރޭހެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ޝިހާމް ވިދާޅުވީ ޢީދަށް ޚާއްސަ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ހަރަކާތަކީ 'ބިމު ދާއްބަ' ހަރަކާތް ކަމަށެވެ. އެ ހަރަކާތަކީ ވަރަށް ތަފާތު ހަރަކާތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރ. މަޑުއްވަރީގައި އީދު ފާހަގަ ކުރަން ތައްޔާރުވަނީ ---

މި ކަންކަމުގެ އިތުރުން ކުޑަކުދިންގެ އާއިލީ ހަވީރެއްވެސް ޢީދުގެ ފުރަތަމަ ދުވަހު އޮންނާނެއެވެ. އެ ހަވީރުގައި ކައުންސިލާއި، ފުލުހުންނާއި، ފެނަކަ ފަދަ އޮފީސްތަކުން ސްޓޯލް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

ޝިހާމް ވިދާޅުވީ ޢީދު ނިންމާލަން ހަމަޖެހިފައިވަނީ ކެއުމަކުން ކަމަށެވެ. އަދި އެރޭ މަސް ރޭހުން ވަނަތައް ހާސިލުކުރާ ޓީމުތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް