ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއްގެ މައްސަލަ ފުލުހުން މިއަދު ބަލަން ފަށައިފިއެވެ.
އެމްވީލީކް، 2.0ގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓަކުން ރޭ އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަނީ އަނދުން ހުސައިން ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އަންހެނަކާއެކު އެނދުމަތީގައި އޮށޯވެގެން އޮންނަ މަންޒަރެވެ.
މި މައްސައިގައި ފުލުހުން ބުނީ އެ ފޮޓޯގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މައްސަލައިގެ އިތުރު ތަފުސީލެއް ނުދެއްވައެވެ.
އަނދުން ހުސައިން ކަމަށް ތުހުމަތު ކުރެވޭ މީހެެއްގެ ބަރަހަނާ ފޮޓޯއެއް ރޭ އާއްމު ކޮށްފައިވާއިރު، މިދިޔަ ހުކުރު ދުވަހު، ސޯޝަލް މީޑިއާގައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި މަޝްހޫރު ޤާނޫނީ ވަކީލް، އަޙްމަދު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހަކާއި ބިދޭސީ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާއްމު ކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ފަށާފައިވާތީ ކޯޓު އަމުރެއްގެ ދަށުން ނާޒިމްގެ ޕާސްޕޯޓު، ރޭގެ ވަގުތެއްގައި ހިފަހައްޓާފައިވާ ކަމަށެވެ.
މި ވީޑިއޯ އާއްމު ކުރުމާ ގުޅިގެން ފުލުހުން އިއްޔެ ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ މުއައްސަސާއަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުޤީގު މީގެ ކުރިން ވަނީ ފަށާފައި ކަމަށެވެ.