ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އަށް މަޖިލީހުގެ ތެރެއިން "ދަ ޑިމޮކްރެޓްސް"އަށް ނިސްބަތްވާ އާންމު މެމްބަރުންތަކެއް އިންޒާރު ދީފި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވާހަކަދައްކަވަނިކޮށް ނިޒާމީ މައްސަލައެއް ނެންގެވުމަށް ފަހު އަނދުން ހުސައިން ވިދާޅުވީ އޭނާއަށް އިންޒާރުދީފައި ވަނީ ސައި ކޮޓަރިއަށް ވަޑައިގަންނަވަން ސިޑިން ވަޑައިގަންނަވަނިކޮށް ކަމަށެވެ.
އިންޒާރު ދީފައި ވަނީ ޑިމޮކްރެޓްްސްއަށް ނިސްބަތްވާ ހަތަރު މީހަކު ކަމަށް ވެސް އަނދުން ހުސައިން ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ވާހަކަ މަޖިލިސް ރައީސް ނަޝީދާ ހިއްސާކުރެއްވުމުން ވެސް ލިބުނީ އިތުރު އިންޒާރެއް ކަމަށެވެ.
"[ރައީސް ނަޝީދަށް] އެ ވާހަކަ ދެންނެވީމާ ވިދާޅުވީ 'އަދި ކަލޭ ކަންފަތްމަތީގައި އެ މީހުން ލައްވައި ޖައްސަވާނަމޭ، ހޭ އަރުވައިލާނަމޭ'. އަޅުގަނޑުމެންނަށް މަޖިލިސް ތެރޭގައި މިފަދަ ގޮތަކަށް ކަންތައް ވެގެން ދިއުމަކީ ވަރަށް ދެރަ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އަނދުން ހުސައިން އިތުރަށް ވިދާޅުވީ މަޖިލީހަށް ވަންނަ މީހުންނަކީ މަޖިލީހުގެ މެމްބަރުންނަށް އިންޒާރު ދޭ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި، އެ ފަދައިން ކަން ހިނގާނަމަ އެއީ މެމްބަރުންނަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި މީގެ ކުރިން ވެސް ލިބުނު އިންޒާރުތަކާ އެކު އޭނާ މަޖިލީހުގެ ސެކިއުރިޓީއަަށް އެދިފައިވީ ނަމަވެސް އަދިވެސް އެ އިންތިޒާމު މަޖިލީހުން ހަމަޖައްސައިނުދޭ ކަމަަށެވެ.
"އަދި މަޖިލީހުގެ މެމްބަރެއްގެ ބޮލުގައި މަރުތޭލަކުން ޖަހައިގެން އަދި މި އުޅެނީ ފާރުގަނޑު ފަސޭހަނުވެ. އެހެންވީމާ މިފަދަ ހާލަތެއްގައި އަޅުގަނޑުމެންނަށް މަސައްކަތްކުރުން ރައްޔިތުންގެ ވަކީލުންގެ ގޮތުގައި މި ތަނުގައި މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ދަތިކަމަކަށްވާތީ މި މަޖިލީހުގެ ސަމާލު ކަމަށް އަޅުގަނޑު މި ގެނައީ،" އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބެލުމަށް ޓަކައި މަޖިލީހުގެ ގެލަރީއަށް "ޑިމޮކްރެޓްސް"އަށް ނިސްބަތްވާ 10 އާންމު މެމްބަރަކު ހާޒިރުވެ ތިއްބެވިއެވެ.