ކްރޮސްރޯޑްސް ސައި ލެގޫން އިން ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ފެނިއްޖެ

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓާވިލާއަކުން ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ކްރޮސްރޯޑްސް ސައި ލެގޫން އިން އޮސްޓްރޭލިއާ ފަތުރުވެރިއަކު ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިންނަށް އެ ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިފައިވާ ކަމަށެވެ.

ހާދިސާގެ މައުލޫމާތު އެމްއާރްސީސީ އަށް ލިބިފައިވަނީ މިއަދު ހެނދުނު 06:54 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗުގައި ޑައިވަރުންނާ އެކު މިއަދު ހެނދުނު 08:02 ހާއިރު ކްރޮސްރޯޑަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ފެށިއެވެ.

އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 09:36 ހާއިރު ކްރޮސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރެއިން ކަން ސިފައިން ހާމަކުރެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ މީހާގެ ހަށިގަނޑު، މިއަދު ހެނދުނު 09:47 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑު ހާބާ ކްރާފްޓަށް ނަގައި، ކްރޮސްރޯޑަށް ގެންގޮސްފައިވާ ކަމަށެވެ.

comment ކޮމެންޓް