ނާޒިމްގެ ތަހުގީގު ފަށައިގަނެ، ޕާސްޕޯޓު ހިފަހައްޓައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު --- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި މަޝްހޫރު ޤާނޫނީ ވަކީލް އަޙްމަދު ނާޒިމް އަބްދުއްސައްތާރުގެ މައްޗަށް ޖިނާއީ ތަހުގީގު ފަށައިގަނެ، އޭނާގެ ޕާސްޕޯޓު ހިފައްޓައިފިއެވެ.

މިދިޔަ ހުކުރު ދުވަހު، ސޯޝަލް މީޑިއާގައި ވަނީ ނާޒިމާއި ބިދޭސީ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ކޮށްފައެވެ. މި ވީޑިއޯއާ ގުޅޭގޮތުން ނާޒިމް ވިދާޅުވެފައިވަނީ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ފުލުހުން ތަހުޤީގު ކުރަމުން އަންނަ މައްސައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ނާޒިމްގެ ޕާސްޕޯޓު، ރޭގެ ވަގުތެއްގައި ހިފަހައްޓާފައިވާ ކަމަށެވެ.

މި ވީޑިއޯގެ މައްސަލައިގައި ފުލުހުންގެ އިދާރާއަށް ނާޒިމް ހާޒިރުކޮށް ބަޔާނެއް ވަނީ ނަގާފައެވެ. ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ ދެމީހުންގެ މައްސަލަ ތަހުޤީގު ކުރަމުން އަންނަ ކަށާއި ތަހުޤީގުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ވީޑިއޯގެ މައްސަލައިގައި ފުލުހުން އިއްޔެ ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ މުއައްސަސާއަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުޤީގު މީގެ ކުރިން ވަނީ ފަށާފައި ކަމަށެވެ.

ނާޒިމްގެ ބަދުއަޚުލާގީ ވީޑިއޯ އާއްމު ވުމާއެކު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އަދި އޭނާ ރާއްޖޭން ބޭރަށް ފުރާފާނެތީ ޕާސްޕޯޓް ހިފެހެއްޓުމަށް ވެސް ގޮވާލައިފައިވެއެވެ.

އޭގެ އިތުރުން މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ސަރުކާރުން މީގެ ކުރިން އިހުމާލު ވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް