ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް އާއި މޮރިޝަސްގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މޮރިޝަސްގެ ބޮޑުވަޒީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މިގޮތުން ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއާއި މޮރިޝަސްގެ ހުރި އެއްގޮތްކަންކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ.
މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ދެބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި ރައީސް، އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއާއި މޮރިޝަސްއަކީ އ.ދ. އާއި ކޮމަންވެލްތް އަދި އެއޯސިސް ފަދަ ބޮޑެތި ޖަމާއަތްތަކުގެ މެންބަރު ދެ ޤައުމުކަމަށާއި، ދެ ޤައުމަކީ ވެސް ވިޔަފާރިއާއި، އިޤްތިސާދަށް ޓަކައި އިންޑިއާ ކަނޑަށް ބަރޯސާވާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ.

މޮރިޝަސްގެ ބޮޑުވަޒީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވިދާޅުވީ ކޮވިޑުގެ ސަބަބުން ދެޤައުމުގެ ވެސް އިޤްތިސާދަށް ކޮށްފައިވާ އަސަރުތަކުން އަރައިގަތުމަށް އެއްޤައުމު އަނެއް ޤައުމުގެ ފަތުރުވެރިކަމުން ފިލާވަޅު ލިބިގަނެވޭނެ ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި މިހާރަށްވުރެ ބޮޑަށް ވިޔަފާރިއާއި އިޤްތިސާދީ ރޮނގުން ދެ ޤައުމުން ގުޅުން ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރައީސް، ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއަށް ވަޑައިގަތީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އިތުރުން ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.