މުޙައްމަދު އިސްމާއިލާއި ރައްޒާން ވަނީ ފްރޭމް ކޮށްފަ: ޕީޕީއެމް

މުޙައްމަދު އިސްމާއިލް ހައްޔަރު ކޮށްގެން ގެންދަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢިލާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން ވަނީ ފްރޭމްކޮށްފައިކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަ ނުޖެހުމާ ގުޅިގެން މި ދެ މީހުން ހައްޔަރުކުރުމާއި ގުޅިގެން ޕީޕީއެމް، ޕީއެންސީންން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މުޙައްމަދު އިސްމާއީލް އަދި ރައްޒާނު ވެސް ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ވަނީ ދޮގު ތުހުމަތު ތަކެއްގައި ކަމަށެވެ.

އަދި އެ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމަކީ އެ ކޯލިޝަން އަދި އެކޯލިޝަންގެ މެންބަރުންނާ އެއްވެސް ގޮތަކަށް ގުޅުންހުރި ކަމެއް ނޫންކަމަށް ނޫސް ބަޔާނުގައި ވެއެވެ.

މި ހަަމަނުޖެހުން ސިޔާސީ ކޮށް އެ ޕާޓީގެ މެންބަރުން ފްރޭމްކުރުމަކީ ބަލައިނުގަނެވޭ ނާތަހުޒީބު އަމަލެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.

މީގެ އިތުރުން މި ހަރަކާތާ ގުޅިގެން ހައްޔަރުކުރަމުންދާ ދީނީ އިލްމުވެރިން ހައްޔަރުކުރުމުގައި އަނިޔާވެރިވުމާއި، ބުލީކޮށް ހައްޔަރުކުރުމާއި، ދަރިން ކުރިމަތީ ހައްޔަރުކުރުމަކީ އެ ކޯލިޝަނުން ގަބޫލުކުރާ ކަމެއް ނޫންކަން ފާހަގަކޮށްފައިވެއެވެ.

އަދި މި ހަރަކާތާ ގުޅިގެން ހައްޔަރުކޮށްފައިވާ ހުރިހާ އެއްމެން ދޫކޮށްލުމަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ މި ހަރަކާތުގެ ފުރިހަމަ ތަހުޤީގެެއް ހިންގާ ޒިންމާ ވާންޖެހޭ ފަރާތްްތަކުން ޒިންމާދާރު ކުރުވުމަށް ގޮވާލާާފައެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގައި ހަމަނުޖެހުން އުފެއްދުމާއި ގުޅިގެން ފަހުން ހައްޔަރުކޮށްފައިވަނީ 6 މީހެކެވެ.

އެގޮތުން އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމްގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްދިންއިރު މުޙައްމަދު އިސްމާއީލްގެ ބަންދަށް ވަނީ ފަސް ދުވަސް އިތުރުކޮށްދީފައެވެ.

އެ ދެ މީހުންގެ އިތުރުން ދެން ހައްޔަރުކުރި މީހުންގެ ތެރެއިން ގއ. މާމެންދޫ, އަސްރަފީވިލާ، އަޙްމަދު ނަސޫޙް އަދި ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢުގެ ބަންދަށް ވަނީ 60 ދުވަސް އިތުރުކޮށްދީފައެވެ.

ށ. މިލަންދޫ, ނާޒް، އައްޝައިޚް ފަޒްލޫން މުޙައްމަދުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްދިންއިރު ސ. ހިތަދޫ, އޯކިޑްވިލާ، އިބްރާހީމް ރައްޒާންގެ ބަންދަށް ވަނީ ފަސް ދުވަސް އިތުރުކޮށްދީފައެވެ.

އެ މައްސަލައާ ގުޅިގެން އަންގާރަ ދުވަހު ހަ މީހަކު ހައްޔަރު ކުރިއެވެ. އެ މީހުންނަކީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޒިލްޔަން އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދެވެ.

އެ ހަ މީހުންގެ މުއްދަތު ވެސް ބުދަދުވަހު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.

މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޓުވީޓެއް ކުރައްވާފައިވާއެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ވަނީ ކެބިނެޓްގެ ސަބް ކޮމިޓީއެއް އުފައްދާފައެވެ.

comment ކޮމެންޓް