އުމުރުން ދުވަސްވީ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ޖަހަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.
ކޮވިޑް-19 ވެކްސިންގެ ހަތަރުވަނަ ޑޯޒްއަކީ ދެވަނަ ބޫސްޓާ ޑޯޒްއެވެ. މީގެ ކުރިން ރާއްޖޭގައި ޖަހާފައި ވަނީ ކޮވިޑް ވެކްސިންގެ ތިން ޑޯޒްއެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖަހާނީ، ތިންވަނަ ޑޯޒް ޖެހި ފަހުން ހަތަރު މަސް ވުމުންނެވެ.
އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި ކަމަށް ބަލާ މީހުންގެ ތެރޭގައި، ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި ހަށިގަނޑުގެ ދިފާއީ ބަރު ދެރަކުރާފަދަ ބޭސް ކާމީހުންނާއި ދިގު މުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކަށް 10 މިލިގްރާމަށްވުރެ މަތީ ޑޯޒެއް މަހަކަށްވުރެ ގިނައިން ބޭނުންކުރާ މީހުން) ހިމެނެއެވެ.
މީގެ އިތުރުން، ގަވާއިދުން ޑައިލިސިސް ހަދަމުންދާ މީހުންނާއި ކެންސަރަށް ފަރުވާ ކުރަމުންދާ ނުވަތަ ފަރުވާއަށް އަހަރެއް ނުވާ މީހުން މި ލިސްޓުގައި ހިމެނެއެވެ.
ބަލި ޖެހުމުން ނުރައްކާ ވެދާނެ ކަަަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ކެޓަގަރީތަކަކީ:-
-
ލިވާ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާ ދީފައިވާ މީހުން
-
ހަކުރު ބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުން
-
އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި (ބީއެމްއައި 40އަށްވުރެ މަތި) މީހުން
- ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުންދާ އަދި އެ ފަރުވާ ހޯދުމަށް ޑޮކްޓަރު އިރުޝާދު ދީފައިވާ މީހުން
- ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ކުރާ މީހުން
- އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތި ވެފައިވާ މީހުން ހިމެނެއެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ، އެ މީހުންނަށް މިއަދުން ފެށިގެން ފައިޒާ ވެކްސިން ޖަހައިދޭނެ ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވަނީ، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒެއް ދޭން ފަށާފައެވެ. އޭތެ ތެރެއިން ތިންވަނަ ޑޯޒް ޖަހާނީ، ދެވަނަ ޑޯޒް ޖެހިތާ ހަ މަސް ފުރިފައި ވާނަމައެވެ.
މާލެ ސަރަހައްދުގައި މިވަގުތު ކޮވިޑް ވެކްސިން ދެމުން ދަނީ، އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ މެންދުރު 1:00އިން 3:00 އަށް ހުޅުމާލޭ ހޮސްޕިޓަލުގައެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާއި ދަމަނަ ވެށީގައި ވެސް ވެކްސިން ދޭން ފަށާނެއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ވެކްސިން ދިނުން ކުރިއަށް ދާނީ އާދީއްތަ، އަންގާރަ އަދި ބުދަ ދުވަހުގެ މެންދުރު ކުރި 10:00އިން 12:00އަށެވެ. ދަމަނަވެށީގައި ވެކްސިން ދޭނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 1:00އިން 3:00އަށެވެ.