ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ސާނަވަނީގެ ބައި މާދަމާ ފަށަނީ

ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ ތެރެއިން --- ފޮޓޯ/ ދިވެހިބަހުގެ އެކެޑެމީ

އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ މަތީ ސާނަވީ ދަރިވަރުންގެ ވާހަކަދެއްކުން މާދަމާ ފަށާނެއެވެ.

ދިވެހިބަހުގެ އެކެޑަމީގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ސާނަވީ ބައިގެ ވާހަކަދެއްކުން މާދަމާ ފަށާއިރު އިސްކޫލުތަކުގެ ބައިން ޖުމްލަ 22 ސުކޫލަކުން 109 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އެއީ އަތޮޅު ތެރެއިގެ އަށް ސުކޫލަކުން 40 ދަރިވަރުންނާއި މާލޭގެ ސުކޫލަތަކުން 69 ދަރިވަރުންނެވެ.

އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން މަތީ އުމުރުފުރާއިން ހަ ބައިވެރިއަކު މުބާރާތަކުގައި ވާދަކުރާއިރު 18 އަހަރުން ދަށުގެ ބައިން 2 ބައިވެރިއަކު ވާދަކުރާނެއެވެ.

ދިވެހިބަހުގެ އެކެޑަމީން ފާހަގަކުރި ގޮތުގައި މި މުބާރާތަށް އަތޮޅުތެރޭގެ ސްކޫލުތަކުން ރަނގަޅު ތަރުހީބެއް ލިބިފައިވާއިރު މީގެ ތެރެއިން ގިނަ ސްކޫލުތަކަކީ މި މުބާރާތުގައި އަލަށް ބައިވެރިވި ސްކޫލުތަކެށް ކަމުގައި ވީ ނަމަވެސް ރަނގަޅު ހުށަހެޅުންތަކެއް ހުށަހަޅައިފައިވާކަން ފާހަގަކުރެވެއެވެ.

މުބާރާތުގައި އަތޮޅު ތެރެއިން ބައިވެރިވާ ގިނަ ސުކޫލުތަކަކީ އަމިއްލައަށް ބޮޑު ޚަރަދުތަކެއް ކޮށްގެން ބައިވެރިވެފައިވާ ސްކޫލުތަކެއްކަން ވެސް ފާހަގަކޮށް މުބާރާތަށް ދެއްވާ އެއްބާރުލުން ދިވެހި ބަހުގެ އެކެޑެމީން ފާހަގަކުރާ ކަމަށް އެކެޑަމީން ހާމަކުރެއެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު މިހާރު ދަށު ސާނަވީ ގިންތިއާއި މަތީ ސާނަވީގިންތީގެ ވާހަކަދެއްކުމާއި އޮފިސްތަކާއި ކުލަބު ޖަމިއްޔާތަކުގެ ބަހުސް ވަނީ ނިމިފައެވެ. އަދި ސާނަވީގިންތީގެ ވާހަކަދެއްކުން ފަސްކުރެވުނީ އެ ބައިގައި ގިނަ އަދަދަކަށް ހިމެނެނީ އޯލެވެލް އިމްތިހާނު މިއަހަރު ހެދި ދަރިވަރުންކަމަށް ވާތީއާއި އެ ކުދިން އޯލެވެލް ހެދި ދުވަސްވަރު ދިމާވީ މުބާރާތް ބާއްވާ ދުވަސްވަރު ކަމަށް ވާތީއެވެ.


މި މުބާރާތް އިންސާފުކޮށްދެއްވާ ފަނޑިޔާރުންނަކީ ވޭތުވެ ދިޔަ މުބާރާތްތަކުގައި ވެސް އިންސާފު ކޮށްދެއްވައިފައިވާ މި ދާއިރާގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުންނެވެ. އެގޮތުން މީގެ ތެރޭގައި މި މުބާރާތުގައި 10 އަހަރާ 15 އަހާރާ ދެމެދުގެ މުއްދަތަކަށް އިންސާފުކޮށްފެއްވައިފާ ފަނޑިޔާރުން ހިމެނެއެވެ.

މާދަމާ ސާނަވީ ބައި ފަށާއިރު އެ ކުދިންގެ ވާހަކަދެއްކުން ކުރިއަށް ދާނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތް ކުރިއަށްދާނީ މޯލްޑިވްސް ޕޮލިޓެކްނިކްގެ އޮޑިޓޯރިއަމްގައެވެ. މި މުބާރާތް ކުރިއަށްދާނީ ތިން ދަންފަޅިއަކަށެވެ. އެއީ މެންދުރުފަހު 1:00 އިން 03:00 އަށް، ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:15 އިން 22:15 އަށެވެ.

comment ކޮމެންޓް