ސްކޫލު ބަންދާ ދިމާކޮށް ޕީސީއާރް ހަދަން މަޖުބޫރު ކުރުމުގެ ވިސްނުމެއް އަދި ނެތް: އެޗްޕީއޭ

ޖުލައި 15، 2021: މާލެ ސަރަހައްދުގައި ކޮވިޑްގެ ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު އެޗްޕީއޭގެ ރެންޑަމް ސާމްޕަލް ނެގުމުގެތެރެއިން -- ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް ސްކޫލު ބަންދާ ދިމާކޮށް ޕީސީއާރް ހަދަން މަޖުބޫރު ކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް, ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެހެންކަމުން ކުރިއަށް އޮތް އަޟްހާ ޢީދު ބަންދާއި ސްކޫލު ބަންދުގައިވެސް ދަތުރު ކުރުމުގެ ކުރިން ޕީސީއާރް މަޖުބޫރު ކުރާނެ ކަމަށް އާއްމުން ދަނީ ބުނަމުންނެވެ. އެގޮތަށް ހަދާނީ ޕީސީއާރް ހަދާ ކުންފުނިތަކަށް ފައިދާ ހޯދައި ދޭން ކަމަށް ވެސް އާއްމުން އަންނަނީ ބުނަމުންނެވެ.

ނަމަވެސް އެޗްޕީއޭއިން މިއަދު "ސަން" އަށް ބުނީ، އެފަދަ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށާއި، ކޭސްތައް މަދުކުރުމަށްޓަކައި މާސްކު އެޅުމާއި ގައިދުރު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ރާއްޖޭގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ނޫންކަމަށް އެޗްޕީއޭއިން ކަނޑައެޅީ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް މި ފަހުން ކޭސްތައް އިތުރުވެ، މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން ލުއި ދިން ކަންކަމުގެ ތެރޭގައި ދަތުރު ކުރުމުގައި ކަރަންޓީނުވުން ހިމެނެއެވެ. ވެކްސިން ފުރިހަމަ ކޮށްފައިނުވާ މީހުންނަށް ޕީސީއާރު ޓެސްޓު ނަހަދައި ދަތުރުކުރެވޭ ގޮތް ވެސް އޭރުން ފެށިގެން އެޗްޕީއޭ އިން ވަނީ ހަދާފައެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި އިލްތިމާސްކޮށްފައެވެ. އެގޮތުން ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޓެސްޓް ކުރުމަށާއި އެކަހެރި ވުމަށް އިރުޝާދު ދިނެވެ.

comment ކޮމެންޓް