ކުރިން ދެއްވި ޖަވާބެއް އިސްލާހު ކުރަން މިނިސްޓަރު މައުސޫމް މަޖިލީހަށް

ޓޫރިޒަމް މިނިސްޓަރު މައުސޫމް ރައްޔިތުން މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

ފާއިތުވި މެއި މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ދެއްވި ޖަވާބު އިސްލާހު ކުރައްވަން ޓުއަރިޒަމް މިނިސްޓަރު ޢަބްދުﷲ މައުސޫމް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ތ. އަތޮޅުގެ ހަ ރަށެއްގައި 700 އެނދު ހުރިކަމަށް މީގެ ކުރިން މަޖިލީހުގައި ވިދާޅުވެވުނީ އޮޅިގެން ކަމަށެވެ. އަދި ރަނގަޅު ގޮތަކީ 70 އެނދުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައިވަނީ ތ. ކަނިމީދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މިސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ ތ. އަތޮޅަށް ފަތުރުވެރިކަން އަދިވެސް ބޭނުންވާ ކަމަށެވެ.

"މިހާރު ހުޅުވާފައި އޮތް ކޯމޯ ރިސޯޓް، އެއީ 152 އެނދުގެ ރަށެއް. މިހާރު ތ. އަތޮޅުގެ ފަސް ރަށެއްގައި ހަ ގެސްޓްހައުސް ހިމެނޭ 700 އެނދު އެބަހުރި،" މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ އޮޅުމަކުން އެ ޖަވާބު ވިދާޅުވެވުމުން ރިޔާޒް މެސެޖަކުން އެކަން މިނިސްޓަރަށް ދެންނެވި ކަމަށެވެ. ވުމާއެކު ޖަވާބު ރަނގަޅު ކުރަން ފުރުސަތަކަށް އެދިވަޑައިގެން މަޖިލީހަށް ސިޓީފުޅެއް ފޮނުއްވި ކަމަށް މައުސޫމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން، މިނިސްޓަރު އަނބުރާ ވަޑައިގެން ޖަވާބު އިސްލާހުކުރައްވަން އެދިވަޑައިގަތުމުން އެ ފުރުސަތު ދެވޭ ކަމަށެވެ.

އެހެން ނޫން ނަމަ ހަގީގަތާ ޚިލާފު އެއްޗެއް ވިދާޅުވި ކަމަށް ރިކޯޑުގައި އޮންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް