ބާޖަކަށް ރުއް އަރުވަން އުޅުމުގެ ތެރޭގައި ބިދޭސީއަކު މަރުވެއްޖެ

ލަންދޫގައި ބާޖަކަށް ރުށް ބަރުކުރަނީ: އެ މަސައްކަތުގައި އުޅުނު ބިދޭސީއަކު ވަނީ މަރުވެފައި --- ސަން ފޮޓޯ/ މުހައްމަދު ޝާނިފް

ނ. ލަންދޫގައި ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް ބަރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެއެވެ.

ލަންދޫ އިން 'ސަން' އާ ވާހަކަ ދެއްކި މީހަކު ބުނީ, އެ ބިދޭސީ މީހާ މަރުވެފައިވަނީ ބާޖަށް ރުއްއަރުވަން އުޅުމުގެ ތެރޭގައި ރުކުގެ ބުޑުގެ ވެލިގަނޑު ބިދޭސީ މީހާގެ ގައިމައްޗަށް އެޅިގެން ކަމަށެވެ.

"ލޮރީގައި ހުރި ރުއްތައް ބާޖަށް އެރުވިއިރު ބިދޭސީ މީހާ ހުރީ ބާޖު ތެރޭގައި. ކެރޭނުން ރުއްތިރިކުރާއިރު ޖެހުނު ލަކިން އޭގެ ބުޑުގައި ހުރި ވެލިގަނޑު ކުއްލިއަކަށް ފައިބައިގެން ގޮސް ބާޖުގައި ހުރި ބިދޭސީ މީހާގެ ގަޔަށް މި ވެރުނީ," ހާދިސާގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.

ވެލިގަނޑު ތެރެއިން ބިދޭސީ މީހާ ނެގުމަށް 10 ވަރަކަށް މިނެޓް ހޭދަވިކަން ފާހަގަކޮށް އޭނާ ބުނީ އެތަނުން ބިދޭސީ މީހާ ނެގި އިރުވެސް ހަރަކާތެއް ނެތް ކަމަށެވެ.

ލަންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ, އުމުރުން 53 އަހަރުގެ އެ ބިދޭސީ މީހާ އެ މަރުކަޒަށް ގެންގޮސްފައިވަނީ ހަވީރު ހަތަރެއް ޖަހަން ވެފައި ވަނިކޮށް ކަމަށެވެ. އަދި ބިދޭސީ މީހާގެ ބޭރު ފުށުން މާ ބޮޑު އަނިޔާއެއް ފެންނަން ނެތް ކަމަށާއި އޭނާ ގެނައި އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ސިއްހީ މަރުކަޒުން ބުންޏެވެ.

ރުއްބަރުކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީ އަކު މިއަދު މަރުވެފައިވާއިރު, މި މަސް ތެރޭގައި ވަނީ ކޮންޓޭނަރަކުން ބިއްލޫރި ހުސްކުރުމުގެ މަސައްކަތުގައި އުޅުނު ތިން ބިދޭސީއަކު ވެސް މަރުވެފައެވެ.

comment ކޮމެންޓް