ކަޝްމީރު މައްސަލައިގައި ޕާކިސްތާނާ މަޝްވަރާ ނުކުރާނަން: އިންޑިއާގެ ހޯމް މިނިސްޓަރު

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު -- ފޮޓޯ/ އޭއެފްޕީ

ކަޝްމީރު މައްސަލައިގައި ޕާކިސްތާނާ މަޝްވަރާ ނުކުރައްވާނެކަމަށް އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވެއްޖެއެވެ.

އަމިތު ޝާހު މިފަދައިން ވިދާޅުވެފައިވަނީ އޭނާ ކަޝްމީރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ސަރަހައްދަކީ ޕާކިސްތާނާއި އިންޑިއާއިން އަމިއްލަކަމަށް ދައުވާ ކުރާ ސަރަހައްދެކެވެ.

މި ސަރަހައްދުގެ ކަންކަމުގައި އަމިއްލައަށް ގޮތް ނިންމުމުގެ ހައިސިއްޔަތު މީގެ ތިން އަހަރު ކުރިން އިންޑިއާއިން ނަގާފައިވާއިރު، އޭގެ ސަބަބުން ކަޝްމީރުގެ ރައްޔިތުންނަށް ގިނަގުނަ ފާއިދާތަކެއް ކުރަމުން އަންނަ ކަމަށް އަމިތު ޝާހު ވަނީ ވިދާޅުވެފައެވެ.

ކަޝްމީރަށް އަމިތު ޝާހު ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ، ޕާކިސްތާނާ ވާހަކަ ނުދެއްކިނަމަވެސް، ކަޝްމީރުގެ ރައްޔިތުންނާ މަޝްވަރާ ކުރައްވާނެކަމަށެވެ.

ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރު މެހްބޫބާ މުފްތީ ވިދާޅުވީ، އަމިތު ޝާހުގެ މި ދަތުރުފުޅަކީ ކަޝްމީރުގައި ހިނގަމުންދާ ކަންކަން މީހުންނަށް ނުދައްކަން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އިންޑިއާއިން ކަޝްމީރުގެ ނޫސްވެރިންނާއި އެކްޓިވިސްޓުންނާ ދެކޮޅަށް ހަރުކަށި އުސޫލުތައް ބޭނުންކުރަމުން އަންނައިރު، އިންޑިއާއިން ބުނާ ގޮތުގައި އެއީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތެވެ.

ކަޝްމީރުން އަމިއްލައަށް ގޮތް ނިންމުމުގެ ހައިސިއްޔަތު އުވާލުމަށްފަހު އެ ސަރަހައްދުގެ ރައްޔިތުންނަށް ވަޒީފާގެ ކޯޓާ ދިނުމުގެ ވައުދުތައް ވެރިކަންކުރާ ބީޖޭޕީން ވަމުން އަންނައިރު، މިއީ ކުރިއަށް އޮތް އިންތިޚާބަށް ކަޑަޖެހުން ކަމުގައި ކަޝްމީރުގެ ބައެއް ރައްޔިތުން ދެކެއެވެ.

އިންޑިއާގެ އެހެން ސްޓޭޓްތަކަށް ނިސްބަތްވާ ރައްޔިތުންނަށް ކަޝްމީރުން ބިން ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިއީ ކަޝްމީރުގައި އޮތް މުސްލިމް އަޣުލަބިއްޔަތު ނައްތާލައި، ހިންދޫންގެ މުޖުތަމަޢެއް އެތަނަށް ގެނައުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ކަޝްމީރުގެ މުސްލިމުން ދެކެއެވެ.

އިންޑިއާއާއި ޕާކިސްތާނުންވެސް ކަޝްމީރު ސަރަހައްދުގެ މިލްކުވެރިކަން ބޭނުންވާއިރު، ދެ ގައުމުންވެސް ކަޝްމީރުގެ ބައެއް ސަރަހައްދުތައް ހިންގަމުން އާދެއެވެ.

comment ކޮމެންޓް