ރައްޔިތުންގެ އިތުބާރު ހޯދަން ސްޓެލްކޯއަށް ވަނީ މަޖުބޫރުވެފައި: ޝަރީފް

ސްޓެލްކޯއަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ސްޓެލްކޯއަށް މިހާރު ވަނީ ރައްޔިތުންގެ އިތުބާރު ހޯދަން މަޖުބޫރުވެފައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާގައި ޝަރީފް ވިދާޅުވީ ރައްޔިތުންގެ އިތުބާރު ހޯދުން ސްޓެލްކޯއަށް ވަރަށް މުހިންމުކަމަށެވެ.

"ރައްޔިތުންގެ އިތުބާރު ހޯދޭނެ ހަމައެކަނި ގޮތަކީ ރައްޔިތުންނަށް ފަސޭހައިން ދޭހަވާނެ ގޮތަކަށް ކަރަންޓު ބިލު ބޮޑުވާގޮތް، ކަރަންޓު ކޮން ގޮތަކަށް ބޭނުން ކުރެވިގެންތޯ، ކަރަންޓުގެ ޚަރަދު ބޮޑުވަނީ އޮޅުން ފިލުވައިދެވިގެން،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ބޭނުން ނުކުރާ ކަރަންޓަށް ބިލު ނުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި ކަރަންޓު އިގުތިޞާދު ކުރުމާއި އެކަމުގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމަށް ކުރިއަށް އޮތްތާ ގިނަ ސެޝަންތަކެއް ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ މުހިންމު ކަމަކަށް އަޅުގަނޑު ބުނާނީ ރައްޔިތުންނާ ރައްޓެހި ކުންފުންޏަކަށް އަޅުގަނޑު ސްޓެލްކޯ ހަދާނަމޭ. ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްދޭ ކުންފުންޏަކަށް ހަދާނަމޭ. ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދޭނަމޭ. މީ އަޅުގަނޑުމެންގެ ލަނޑުދަނޑި،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯއިން އެންމެ އިސްކަންދެނީ ރައްޔިތުންނަށް ލުއި ފަސޭހަ ޚިދުމަތެއް ދިނުމަށްކަމަށެވެ. އެހެންކަމުން އެ ކުންފުނިން ފޯރުކޮށްދޭ ނަރުދަމާގެ ޚިދުމަތަކީ އެކަމުން ކުންފުންޏަށް އެއްވެސް ފައިދާއެއް ނުވާ ޚިދުމަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ ހަތަރު އަހަރުތެރޭ ވަޒީފާގެ ކުރިއެރުން ލިބިފައިނުވާ 420 މުވައްޒަފުންނަށް ސްޓެލްކޯއިން މިމަހު ވަނީ ވަޒީފާގެ ކުރިއެރުން ދީފައެވެ.

"ކުރިމަގުގަ އަޅުގަނޑުމެންގެ ޕްރޮމޯޝަން ޕޮލިސީ ރިވައިސްކޮށް، ކުރިއެރުމަކީ ވަކި މީހަކު ބޭނުންވީމަ ދޭ އެއްޗެއް ގޮތުގަ ނުބާއްވާ، އެއީ މުވައްޒަފުންގެ ހައްގެއްގެ ގޮތުގަ ކަނޑައަޅާނަން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް