ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ބިލެތްފަހި ސްކޫލްގެ ލައިބްރަރީ ތަރައްގީކޮށްފިއެވެ.
އެ މަޝްރޫއަކީ އެ ސްކޫލްގެ ޓީޗަރެއް ކަމަށްވާ އިސްމާޢިލް ޝަރީފް ކުރިއަށްގެންދެވި މަޝްރޫއެކެވެ.
އެގޮތުން އެ ޕްރޮޖެކްޓުގެ ދަށުން ސުކޫލު ލައިބްރައީއަށް އަލަށް 700އެއްހާ ފޮތް އިތުރުކޮށް ފޮތް ހަރުގަނޑު ހިމަނައި، މޭޒާއި ގޮނޑި ފަދަ ފަރުނީޗަރު ވަނީ ހޯދާފައެވެ.
އިސްމާޢިލް ޝަރީފް ވިދާޅުވީ ލައިބްރަރީއަށް އިނގިރޭސި އަދި ދިވެހި ފޮތް އިތުރުކޮށް ކުދިންނަށް ފޮތް ކިޔުމަށް އެކަށޭނަ މާހައުލެއް ގާއިމް ކުރެވިގެން ދިޔުމުގެ ސަބަބުން ސްކޫލްގެ ރީޑިން ޕްރޮގްރާމަށް އިތުރު ފުރިހަމަ ކަމެއް ލިބިފައިވާ ކަމަށެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ތަރައްގީ ކުރެވުނު ށ. ބިލެތްފަހި ސުކޫލު ލައިބްރަރީ --- ފޮޓޯ/ ބީއެމްއެލް
"ލައިބްރަރީއަށް މި ގެނެވުނު ބަދަލާއެކު ފޮތް ކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރި ވާނެ މާހައުލެއް މިވަނީ ގާއިމްވެފަ. މި ފުރުސަތުގައި ބިލެތްފަހި ކައުންސިލަށާއި ޓީޗަރުންނަށާއި ލައިބްރޭރިއަންގެ އިތުރުން އެކި ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީ ވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
މިހާރު ބޭންކުން ދަނީ މިއަހަރުގެ ދެވަނަ ކުއާޓަރަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.