ފ. ދަރަނބޫދޫ ކުރީގެ މިސްކިތް އިމާރާތް މީހުން ދިރިއުޅެން އެއްވެސް ބަޔަކަށް މީގެ ފަހުން ނުދޭން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
އެ ރަށު ކައުންސިލުން މިހެން ބުނެފައިވަނީ ކުރީގެ މިސްކިތް އިމާރާތުގައި ބިދޭސީން ނިދައި ކައިބޮއެ ހަދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެއިން ފެށިގެން ދައުރުވަމުން ދާތީއެވެ.
ދަރަނބޫދޫގެ ކުރީގެ މިސްކިތް "ދާރުލްއުލޫމް" ގައި ގަބުރު ހުރެދާނެ ކަމަށް ބެލެވޭތީ 2017 ވަނަ އަހަރުން ފެށިގެން އެ މިސްކިތުގައި ނަމާދުކުރުން ހުއްޓާލައި މިސްކިތްތަކުގެ ދަފްތަރުން ވެސް އެ މިސްކިތް އުނިކޮށް އެ ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް އެ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.
"މި އިމާރާތް އެއްވެސް ބަޔަކަށް ކުއްޔަށް ދިނުމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ކައުންސިލުގައި އެދިފައިނުވާކަންވެސް ފާހަގަކޮށްލަން. ކައުންސިލުން މިހާރު ނިންމާފައިވަނީ މި އިމާރާތުގައި މީހުން ދިރިއުޅުމަށް ކުއްޔަށް ދޫކުރަމުން އައި އައުން ނިމުމަކަށް ގެނެސް ކުރިއަށް އޮތްތާގައި މިފަދަ ބޭނުންތަކަށް ދޫނުކުރުމަށް،" އެ ބަޔާނުގައިވެއެވެ.
މީގެ ކުރިން އެ އިމާރާތުގެ ބޭނުން އެކި ކަހަލަ ބޭނުންތަކަށް އެ ކައުންސިލުން ހިފަމުންދާ ކަމަށާއި 2020 ވަނަ އަހަރުގެ މޭ މަހުން ފެށިގެން އެކި ކަހަލަ ބޭނުންތަކަށް އެ އިމާރާތް ކުއްޔަށް ދޭކަމަށް ވެސް ދަރަނބޫދޫ ކައުންސިލުން ބުންޏެވެ.
އެގޮތުން މީގެ ކުރިން އެމްޓީސީސީއަށް ވެސް އެތަން ކުއްޔަށް ދޫކުރި ކަމަށް ކައުންސިލުން ބުނެއެވެ. އަދި މިހާރު އެ އިމާރާތް ހުރީ އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްކުރާ އިންޑިއާގެ އެސްއެމްސީ އިންފްރަސްޓްރަކްޗާ ކުންފުންޏަށް ކުއްޔަށް ދީފައިކަމަށް އެ ބަޔާނުގައިވެއެވެ.
ދަރަނބޫދޫ ކައުންސިލުން ބުނީ އެ ރަށު މިސްކިތެއްގައި ބިދޭސީންތަކެއް ދިރިއުޅެ، ކައިބޮއެ ހަދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައަރުވަމުންދާ ވީޑިއޯ އަކީ ހަގީގަތް އޮޅުވާލައިގެން ސިޔާސީ ބޭނުމަކަށް ކުރާ ކަމެއް ކަމަށެވެ.
އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެ އަމަލަކީ ސަރުކާރާއި އެ ރަށު ކައުންސިލުު ބަދުނާމުކުރަން ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމެއްގެ ގޮތުގައި ކައުންސިލުން ވަނީ ސިފަކޮށްފައެވެ.