ތައުލީމީ ދާއިރާގެ ކުރިމަގަށް އާ ވިސްނުންތަކެއް އުފަންކުރަން ޖެހިއްޖެ: ރައީސް

ރައީސް ޞާލިހް އަދި ތައުލީމީ ވަޒީރު ޑރ. އައިޝަތު އަލީ: ތައުލީމީ ދާއިރާގެ ކުރިމަގަށް އާ ވިސްނުންތަކެއް އުފަންކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައި --- ފޮޓޯ: ރައީސް އޮފީސް

ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން ވެސް ތައުލީމީ ދާއިރާގެ ކުރިމަގާ މެދު ވިސްނުންތަކެއް އުފަން ކުރަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް އެހެން ވިދާޅުވީ ނ. ހޮޅުދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ރޭ އެ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިއީ ފަސްމަގަށް ވުރެ ކުރިމަގު އުޖާލާކުރުމުގެ ޢަޒުމް އާކުރަންވީ ވަގުތު. މިއީ މާ ދުރު މުސްތަޤުބަލަކަށް ނަޒަރު ހިންގައި މާދަމާގެ މަންޒިލަށް ދަތުރު ފަށަންވީ ވަގުތު. މިއީ ކޮންމެ ދަރިވަރަކާއި ކޮންމެ ބެލެނިވެރިއެއް އަދި ކޮންމެ މުދައްރިސަކު ވެސް ތައުލީމީ ދާއިރާގެ ކުރިމަގާ މެދު އާ ވިސްނުންތަކެއް އުފަންކުރަންވީ ވަގުތު," ރައީސް ޞާލިޙް ވިދާޅުވިއެވެ.

ޤައުމެއްގެ ރައްޔިތުން ތަރައްޤީގެ މަގުގައި ކުރިއަށް ދާހާ ހިނދަކު، އެބައެއްގެ ތެރޭގައި އެންމެ އަވަހަށް ބަދަލުވަމުން ތަރައްޤީވަމުން އަންނާނީ ތައުލީމީ ދާއިރާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ރާއްޖޭގެ ސްކޫލް މަދަރުސާތައް ތަރައްޤީކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގަނީ އެ ސަބަބަށްޓަކައި ކަމަށެވެ. އަދި ޤައުމުގެ ކުރިމަގަށް ބޭނުންވާ ފެންވަރަށް ތައުލީމީ ހުނަރުވެރި މީހުން ބިނާކުރަން ޖެހޭ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވުއެވެ.

"އަޅުގަނޑަށް ވިސްނޭ ގޮތުގައި އެންމެ ކާމިޔާބު ސްކޫލަކީ ފަންނީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ހުނަރުވެރި ކުދިން އުފެއްދޭ ސްކޫލްތައް," ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ސްކޫލްތަކުގެ ތެރެއިން، 75 އަހަރު ފުރޭ ހަތަރު ވަނަ ސްކޫލް ކަމުގައިވާ މޭނާ ސްކޫލަކީ އެފަދަ ހުނަރުވެރިން އުފައްދާ ސްކޫލެއް ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

"މި ރަށު [ހޮޅުދޫ]ގެ އިސް ރަށްވެހިންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންނަކީވެސް މި ސްކޫލުން ކިޔަވައިގެން މި ރަށުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅުން," ރައީސް ވިދާޅުވިއެވެ.

ދަރިފުޅު އިނގިލިކުރީގައި ލައިގެން، ސްކޫލް ދޮށަށް ދާ ފުރަތަމަ ދުވަހުން ފެށިގެން، ކޮންމެ ބެލެނިވެރިއެއްގެ ހިތުގައި، ހާމަނުކޮށް އޮންނަ ޢަޒުމަކީ ތިމާގެ ދަރިފުޅަކީ ޤާބިލު ހުނަރުވެރި ކުއްޖަކަށް ހެދުމުގެ ޢަޒުމްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކިޔެވުމުގެ ފުރުޞަތުތައް ފަހިކޮށްދީގެން، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ބެލެނިވެރިންގެ އެ ޢަޒުމް ޙަޤީޤަތަކަށް ހަދައިދިނުމަށް ކަމަށެވެ.

comment ކޮމެންޓް