ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ މަރަށް އިންސާފު ހޯދުމަށްޓަކައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށް އެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން ޢަބްދުއްސަލާމް ޢާރިފް ވިދާޅުވެއްޖެއެވެ.
'ސަން އެކްސްކްލޫސިވް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަލާމް ވިދާޅުވީ އެ މައްސަލަ ބަލަމުންދާ ކަމަށާއި އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީތަކާއި އިދާރާތަކުގެ އެހީ ހޯދާފައިވާ ކަމަށެވެ.
"މަޖިލީހުންވެސް މައުލޫމާތު ފޯރުކޮށްދިން. ޑިފެންސް މިނިސްޓްރީން ވެސް އެކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިން،" ސަލާމް ވިދާޅުވިއެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް "ސަން އެކްސްކްލޫސިވް" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އެ އޮފީހަށް އެ މައްސަލަ ހުށަހަޅައިފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ.
އެ މައްސަލަ އެ އޮފީހަށް ހުށަހަޅާފައިވަނީ ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ގޮތެއްގައި ހިންގި އަމަލެއްގެ ސަބަބުން އިންސާނީ ހައްގެއް ނިގުޅައިގެންފައިވާކަމަށް ބުނެއެވެ. އަދި އެފަދަ އަމަލެއްގެ ސަބަބުން މީހެއްގެ އަސާސީ މިނިވަންކަން ނިގުޅައިގެންފައިވާކަމަށް ބުނެއެވެ.
އެގޮތުން ބޮންޑޭ ވަނީ ރައީސް އަމީނާ މެދު ދައުލަތުން އަމަލުކޮށްފައިވާ ގޮތް އިތުރަށް ސާފުކޮށްދޭންޖެހޭކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު ރައީސް އަމީނަކީ ޚާއިނެއްކަމަށް ބުނެ ކޮށްފައިވާ ހުކުމް ބާތިލުކުރުމަށް ވެސް އެ މައްސަލާގައި އެދިފައިވެއެވެ.
އެ މައްސަލަ ބަލައިގަނެފައިވާކަން އަންގައި ބޮންޑޭއަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ފޮނުވި ސިޓީގައި ވަނީ، އެ މައްސަލައަކީ އާންމު މަސްލަހަތާ ގުޅުންހުރި މައްސަލައަކަށްވެފައި، އެއީ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައަކަށްވުމުން، އެކަމާ ގުޅުންހުރި މީހުންގެ ހައްގުތަކާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ހޯދުމަށްފަހު ތަހުގީގު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ރައީސް އަމީން ރާއްޖޭގެ ވެރިކަން ކުރައްވާފައިވަނީ 1953ވަނަ އަހަރު އަށް މަސް ދުވަހުގެ މުއްދަތަކަށެވެ. އެއާއެކު ވެރިކަމުން ދުރުކުރެވުމަށްފަހު އެމަނިކުފާނު އަވަހާރަަވީ ވިހަމަނާފުށީގައެވެ. އެއީ މިހާރުގެ ކުރުނބާ އައިލެންޑް ރިސޯޓެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މަގްސަދަކީ ދައުލަތުގެ މުއައްސަސާތަކުން، ދިވެހި ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ އަމަލުތައް ދެނެގަތުމެވެ. އަދި އެފަދަ ކަންތައްތައް ތަހުގީގުކޮށް ހަގީގަތާ ހަމައަށް ވާސިލްވުމެވެ.