ލިވަޕޫލް ދޫކޮށް މާނޭ ބަޔާނަށް

ލިވަޕޫލަށް ކުޅޭ ސާޑިއޯ މާނޭ ---

ލިވަޕޫލް އަދި ސެނަގާލްގެ ޤައުމީ ޓީމުގެ އިތުބާރު ފޯވާޑް ސާޑިއޯ މާނޭ ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވާން އެއްބަސްވެއްޖެކަމަށް ރިޕޯޓުތައް ބުނަން ފަށައިފައެވެ.

ކުޅިވަރުގެ މަޝްހޫރު ނޫސް ސްކައި ސްޕޯޓްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މާނޭ ބަޔާނަށް ބަދަލުވާނީ 35 މިލިއަން ޕައުންޑުގެ އަގަކަށެވެ.

އެ އަގު ބަޔާނުން ދޭނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އެއީ ފުރަތަމަ އޭނާއަށް ދޭންހަމަޖެހިފައިވާ 27.5 މިލިއަން ޕައުންޑާއި، ކުޅޭ މެޗުތަކަށް ބަލާފައި ދިނުމަށް ނިންމާފައިވާ ފަސް މިލިއަން ޕައުންޑު އަދި ޓީމަށާއި މާނޭއަށް ލިބޭ ކާމިޔާބީތަކަށް ބަލާފައި ދިނުމަށް ހަމަޖެހިފައިވާ 2.5 މިލިއަން ޕައުންޑެވެ.

މާނޭ ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމަށް ބާކީ އެއް އަހަރު އެބައޮތެވެ. ނަމަވެސް ބަޔާނުން ތިން އަހަރު ދުވަހުގެ މުއްދަތަކަށް އޭނާ ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ބަޔާން މިއުނިކްގެ "ގޯލު މެޝިން" ރޮބާޓް ލެވެންޑޯސްކީ ވަނީ މި ޓްރާންސްފާ މާކެޓުގައި އެ ޓީމު ދޫކޮށްލައި އެހެން ޓީމަކަށް ބަދަލުވާނެކަމަށް ބުނެފައެވެ.

އެހެންކަމުން އެތަން ފޫބެއްދުމަށް ހޯދާ ކުޅުންތެރިންގެ ތެރޭގައި އެ ޓީމުން އެންމެ ގަޔާވާ ކުޅުންތެރިއަކީ މާނޭއެވެ.

ލެވެންޑޯސްކީ މި ސީޒަނަށް ފަހު ޓީމު ދޫކޮށްލާނެކަން ބުނި ނަމަވެސް އޭނާ ދެން ދާނީ ކޮން ޓީމަކަށް ކަމެއް އޭނާ އަދި ބުނެފައެއް ނުވެއެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ލެވެންޑޯސްކީ ބާސެލޯނާއާ ގުޅުން ވަރަށް ގާތެވެ.

comment ކޮމެންޓް