"ނޭނގެ ކިތައް ރޭ ކަމެއް ވެސް ހޭލާ ހުރެވުނީ. ދަރިފުޅު ބޭނުންވާ ކަމެއް ނޭނގި، ދަރިފުޅަށް ރޮވޭތީ އެތައް ރެއަކު ކޮނޑުމަތީ ބާއްވައިގެން ހިނގާލަ ހިނގާލާ ހުންނަން. ވަރުބަލިވެގެން ގޮސް ބައެއް ފަހަރު ރޮވޭ," މިއީ އޯޓިޒަމް ހުންނަ ލ. ފޮނަދުއަށް ނިސްބަތްވާ އުމުރުން އެންމެ ހަތް އަހަރުގެ ޢާއިޝަތު އާލިޔާގެ މަންމަ، ޢާއިޝަތު ސުހާ އޭނާގެ އިހުސާސްތައް ބަންޑުން ކޮށްލައި، "ސަން"އާ ހިއްސާ ކުރި ވާހަކަތަކެކެވެ.
ސުހާ ކިޔައިދިން ގޮތުގައި ދަރިފުޅަށް ބަދަލުތައް އަންނަ ފެށިކަން ފާހަގަ ވާން ފެށީ 18 މަސް ފުރުނު ފަހުންނެވެ. 18 މަހުގެ އާލިޔާއަށް ޑެންގީ ހުން ޖެހި ރަނގަޅުވާން ވަރަށް ދުވަސް ނެގި ކަމަށް އޭނާ ބުންޏެވެ. އެކަމުން އެންމެ ބޮޑަށް އަސަރުކުރީ ހިނގުމަށެވެ. އެއަށްފަހު ހިނގެން ވެސް އެތައް ދުވަހެއް ނެގިއެވެ. އަދި އެއްވެސް ގޮތަކަށް ވާހަކަ ނުދެއްކޭ ކަން ފާހަގަވި ކަމަށް ވެސް އޭނާ ބުންޏެވެ.
"ރޭގަނޑު ވެސް އާލިޔާ އަބަދު ރޯނީ. ބޭނުން ވަނީ ކޮންކަމެއް ކަމެއް ނޭނގޭ. ވާހަކައެއް ނުދެއްކޭ. ދަރިފުޅު ރީތިކޮށް ފެންވަރުވާ ހެދުން ލައްވަން ވެސް ވަރަށް އުނދަގޫ. އެތައް ދުވަހަކު ހަދާނެ ގޮތް ހުސްވެގެން އެކަމާ ވިސްނޭ،"
ދަރިފުޅަކީ އޯޓިޒަމް ހުންނަ ކުއްޖެއްކަން ސުހާއަށް ދެނެގަނެވުނީ ކައުންސެލިން ކިޔަވަމުން ދިޔައިރު އޯޓިޒަމާ ގުޅޭ ގޮތުން އުނގެނުނު އުނގެނުންތަކުގެ އަލީގައެވެ. އޭނާގެ ދަރިފުޅު އުމުރުން ދެ އަހަރު ވީއިރުވެސް ވާހަކަ ނުދައްކައެވެ. އާލިޔާގެ މިޒާޖު ހުންނަ ގޮތުން އަބަދުވެސް އެއީ އޯޓިޒަމްގެ ސަބަބުން ދިމާވާ ކަންކަން ކަމަށް ސުހާ އަބަދުވެސް ހިތަށް އަރައެވެ.
ސުހާ ކިޔައިދިން ގޮތުގައި ފަހަކަށް އައިސް އާލިޔާގެ މުޅި މިޒާޖު އެއްކޮށް ބަދަލުވީއެވެ. ވަކި ތަރުތީބަކުން ކުރާ އެއްކަމެއް ކުރުމާއި ބައެއް ކަންކަން ނުކުރެވުމުން ހިތްހަމަ ނުޖެހިގެން އުޅެން ފެށުމުން 2017 ވަނަ އަހަރުގެ ޖުލައި މަހު އެންމެ ފަހުން ސްޕީޗް ތެރަޕިސްޓަކަށް ދެއްކީއެވެ. ނަމަވެސް އާލިޔާ އަކީ އޯޓިސްޓިކް ކުއްޖެކަމަށް ޑައިގްނޯސް ކުރަން އަދި މާ އަވަސް ކަމަށް ތެރަޕިސްޓް ވިދާޅުވިއެވެ. އަދި ސައިކޮލޮޖިސްޓަކަށް ދައްކަން ރެކޮމެންޑް ކުރި ކަމަށް ވެސް ސުހާ ބުންޏެވެ.
ސައިކޮލޮޖިސްޓަކަށް ދެއްކުމުން ވަރަށް ގިނަ އެސެސްމަންޓުތަކެއް ހެދުމަށްފަހު ތެރަޕީއަށް ދިއުމަށް އިރުޝާދު ދިނެވެ. އެއާއެކު ހަފުތާއެއް ވަންދެން ތެރަޕީ ކްލާސްތަކަށް ގެންދިޔައެވެ.
"ދަރިފުޅު ކްލާސް ތަކަށް ގެންދަން ވަރަށް އުނދަގޫ. އަބަދު ރޯނީ. ދެން ހަފުތާއެއް ކޮށްފަ އަލުން ރަށަށް އައީ. އޭރު ވެސް ރިޕޯޓުތަކެއް ނުލިބޭ،"
ރިޕޯޓުތައް ލިބުން ލަސްވެ އެކަމާ އަބަދު ވިސްނާ ފިކުރުކުރެވެން ފެށުމުން އެންމެ ފަހުން ސުހާ ނިންމީ ލަންކާގައި ހުރި ރަހުމަތްތެރިއެއްގެ ކައިރިއަށް ދާށެވެ. އަދި އެ އަހަރުގެ އޮކްޓޫބަރު މަހު ލަންކާއަށް ގޮސް ރަހުމަތްތެރިޔާގެ އެހީގައި ޑޮކްޓަރުންނާއި ތެރަޕިސްޓުންނަށް ދެއްކިއެވެ. ސުހާ ކިޔައިދިން ގޮތުގައި އާލިޔާ އަކީ އޯޓިޒަމް ހުންނަ ކުއްޖެއް ކަމަށް ޑައިގްނޯސް ކުރީ ލަންކާގެ ސްޕީޗް އެންޑް ލޭންގުއޭޖް ތެރަޕިސްޓެކެވެ. އެތަކެއް ފަހަރު އެހެން ހިތަށް އެރިނަމަވެސް އެއީ ސުހާ އަޑުއަހަން އުއްމީދު ކުރި އަދި ތައްޔާރަށް ވެސް ހުރި ޚަބަރެއް ނޫނެވެ.
"އެދުވަސް ހަނދާން ހުންނާނެ އަބަދުވެސް. ހޮސްޕިޓަލުން ނުކުމެގެން ގެއާ ހަމައަށް ދެވެންދެން ރޮވުނު. އެކަމަކުވެސް ހިތްވަރުކުރިން. ހިތަށް އެރީ އެއްވެސް މީހަކަށް ނުއުފުލޭވަރުގެ ބުރައެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ނުޖައްސަވާނޭ. މިއީ ވެސް އިމްތިހާނެއް،"
ލަންކާއިން ދެ ހަފްތާ ވަންދެން އާލިޔާއަށް ތެރަޕީ ދިނުމަށްފަހު ދަރިފުޅު ގޮވައިގެން ސުހާ ރާއްޖެ އަންނަން ޖެހުނީ އޭރު ދިރިއުޅުމުގެ ހާލަތު ހުރިގޮތުންނެވެ. އެކަމަކު އަނެއްކާވެސް ލަންކާއަށްދާން މަޖުބޫރުވުމުން ވަޒީފާއިން ނޯ ޕޭ ލީވެއް ނެގުމަށް ފަހު އާލިޔާ ގޮވައިގެން 2018 ވަނަ އަހަރު ސުހާ ލަންކާއަށް ދިރިއުޅުން ބަދަލު ކުރިއެވެ. އެކަނިމާ އެކަނި އެ ހިތްވަރުގަދަ މަންމަ އެއް އަހަރު ދުވަހު އުޅުނު އިރު އެދެމައިންނަށް ޚަރަދު ކުރީ އާއިލާއިންނެވެ. ތެރަޕީ ސެޝަންތަކަށް ފަހު އަހަރެއް ވީއިރު އާލިޔާއަށް ވަރަށް ގިނަ ހެޔޮ ބަދަލުތައް އައި ކަމަށް ސުހާ ބުންޏެވެ.
ސުހާ ކިޔައިދިން ގޮތުގައި މިހާރުވެސް އާލިޔާއަށް ވާހަކައެއް ނުދެއްކެއެވެ. ބައެއް ފަހަރު ކުރަން ބޭނުންވާ ކަމެއް ނުވުމުން ދެރަވުމުގެ އިހުސާސް ރުޅިވެރިކަމުގެ ސިފައިގައި ބޭރު ކުރެވެއެވެ. ވާހަކަ ނުދެއްކޭތީ މީހުންނާއެކު އުޅުމަށް އާލިޔާއަށް ތަފާތު އެކި ގޮންޖެހުންތަކަކާ ކުރިމަތިވެއެވެ. އެކަމުގެ ސަބަބުން ކުޑަކުޑަ އާލިޔާ މީހުންނާ އެކު އުޅެން ބޭނުން ނުވާ ފަހަރު އަންނަކަމަށް ސުހާ ބުންޏެވެ. ނަމަވެސް ހަގީގަތުގައި އެއީ ވަރަށް މީހުންނާ އެކީގައި އުޅެން ބޭނުންވާ ކުއްޖެކެވެ. އެކަން އެނގެނީ އެކުގައި ކުދިން ކުޅެން ނުދިއުމުން އެކަމާމެދު ދެރަވެގެން ރޯތީ ކަމަށް ވެސް ސުހާ ބުނެއެވެ.
މިހާތަނަށް އައިއިރު އެ ދެމައިން ވަނީ އެތައް ކަމަކާ ކުރިމަތިލާފައެވެ. ސުހާއަށް އޭނާގެ އިހުސާސްތައް ކިޔައިދެވުނަސް ކުޑަކުޑަ އާލިޔާއަށް އޭނާގެ އިހުސާސްތައް ކިޔައިދެވޭނެ ގޮތެއް ނެތެވެ. އެކަމާ މެދު އަބަދުވެސް ވިސްނާ ފިކުރުކުރަމުންދާ ސުހާގެ އުއްމީދު އައު ވެގެން ދިޔައީ ސްޓެމް ސެލް ޓްރީމަންޓްގެ ވާހަކަ އިވުމުންނެވެ. ފޭސްބުކް މެދުވެރިކޮށް ފެނުނު ޕޯސްޓަކާ ގުޅިގެން ސްޓެމް ސެލް ޓްރީޓްމަންޓް އިން އޯޓިޒަމަށް ދެވޭ ފަރުވާ ވަރަށް ބޮޑަށް ސުހާ ވަނީ ދިރާސާ ކޮށްފައެވެ. ނަމަވެސް އެ ފަރުވާ ދިނުމަށް ބޭނުންވާ މާލީ ތަނަވަސްކަން ނެތުމުން ސުހާ ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.
އެ މަންމަގެ އުއްމީދަކީ މިއަދު އެއީއެވެ. އަދި އެ މަންމަގެ އަޒުމަކީ އެނާގެ ލޮލުގެ ފިނިކަން ފަދަ ދަރިފުޅު އެހެން ކުދިންނެކޭ ވެސް އެއްފަދައިން އުޅުމެވެ. އެ މައިމީހާއަށް މިއަދު އެހީވެވޭނީ އަޅުގަނޑުމެންނަށެވެ.
އާލިޔާއަށް އެހީވުމަށް
ޢާއިޝަތު ސުހާ 7730000460637 (ޑޮލަރު އެކައުންޓް)
ޢާއިޝަތު ސުހާ 7770000058474 (ރުފިޔާ އެކައުންޓް)
މޮބައިލް ނަންބަރު: 9500078
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."